ރާއްޖޭގައި ތިބި އިންޑީއާ ސިފައިން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގައި މާލެ އެކި ސަރަހައްދުތަކުގައި ދަމަމުންދާ ބެނާތައް ނަގަން ނުކުންނަ ފުލުހުންނަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު ކޯލިޝަނުން ދީފި އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިސަނުން މިފަދަ އިންޒާރެއްދީފައިމިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް އެގޭގެ ވެރިފަރާތަށް އެންގުމާއި ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބެނާތައް ނަގަން ނުކުންނަ ފުލުހުން ގާނޫނާ ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާ ކުރައްވާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ ކެމްޕޭނަކީ ހިޔާލުފާޅު ކުރުމުގެ މިންގަނޑުގެ ތެރޭގައި ހިންގާ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަބަރުދާރު! ބެނާތައް ނަގަން ނުކުންނަ ފުލުހުން ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާކުރާނަން." އާދަމް ޝަރީފް ވިދާޅުވި އެވެ.
ފުލުހުން ލިޔުމުން ގޭގެއަށް ފޮނުވި އެންގުންތަކުގައި ވަނީ އެ ބެނާތަކުގައި އާންމުކޮށް ފެންނާނެހެން އިންޑިއާ އައުޓް ޖަހާފައިހުރުމަކީ ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ އަމަލެއްގެ ގޮތުގައި ސިފަވާ ކަމަށެވެ.
ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ޚާރިޖީ އަދި ސަގާފީ ގުޅުންތަކަށް އެކަމުގެ ސަބަބުން ނުރަނގަޅު އަސަރުކުރާނެ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.
އަދި އެކަމުގެ ނަތީޖާއެއްގެގޮތުން އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުންވެދާނެކަމަށް ފުލުހުންގެ އިދާރާއިން ދެކޭ ކަމަށް ވެސް އެ އެންގުމުގައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ އެއީ ފިތުނަވެރި އަމަލެއް ކަމަށެވެ.
މީގެ ކުރިންވެސް މާލެ ސިޓީގައި ބާއްވަން އުޅުނު "އިންޑިއާ އައުޓް" ހަރަކާތްތައް ފުލުހުން ވަނީ ހުއްޓުވާފަ އެވެ.
އިންޑިއާ އައުޓް ހަރަކާތަށް ސަރުކާރުން ހުރަސް އަޅަމުން ދިޔަނަމަވެސް، އެ ހަރަކާތް ދަނީ ދުވަހަކަށް ވުރެ ދުވަހެއް ވަރުގަދަ ވަމުންނެވެ.
ޚިޔާލްފާޅުކުރުމުގެ މިނިވަންކަން ނިގުޅައި ނުގަތުމަށް މުއައްސަސާތަކަށް ގޮވާލަމެވެ.