އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި މޫދުގައި އޮވެ ނޭވާ ހިފަހައްޓާލުމުގެ ފްރީ ޑައިވް ދުނިޔޭގެ ރެކޯޑް ހެދުމަށް އަންނަ އޮކްޓޯބަރު އެކެއްގައި ބާއްވާ އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް "ނޭވާ 2" ގެ ނަމުގައި ބާއްވާ އިވެންޓް ހާއްސަ ކުރަނީ ރިސޯޓް މުވައްޒަފުންނަށެވެ. އެކަމަކު އާންމުންނަށް ވެސް މި އިވެންޓުގައި ބައިވެރި ވެވޭނެ އެވެ. އެ އިވެންޓްގައި ޖެހޭނީ މޫދުގެ ތިލަ ހިސާބެއްގައި ގާތްގަނޑަކަށް ދެ މިނެޓް ވަންދެން ނޭވާ ހިފަހައްޓައިލައިގެން ތިބޭށެވެ.

"މިހަރަކާތުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ފްރީ ޑައިވްކުރުމުގެ ޝައުގުވެރިކަން ހުންނަ މީހުންގެ ސަމާލުކުރަން ރާއްޖެއަށް ގެނައުން ހިމެނޭ. ޑައިވަރުން މި ހަރަކާތުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން 11 ތަނެއްގައި. އޮގަނައިޒަރުން ރާވާފައި ވަނީ މުޅި އިވެންޓް ގައި ޑޮކިއުމެންޓްރީއެއް ރެކޯޑް ކުރުމަށް ރާވާފައިވާ މުޅި އިވެންޓް ގައި ޑޮކިއުމެންޓްރީ އެއް ރެކޯޑް ކުރުމަށް. އަދި ބޮޑެތި ސްޓްރީމިން ޕްލެޓްފޯމްތަކުގައި ރިލީޒްކުރަން،" ދިރާގުން ބުންޏެވެ.

މި އިވެންޓަކީ ރާއްޖޭގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފްރީ ޑައިވިން އެސޯސިއޭޝަނުން ބާއްވާ ދެވަނަ ވޯލްޑް ރެކޯޑް އިވެންޓެވެ.

އެ އެސޯސިއޭޝަނުން ބުނީ އިވެންޓްގައި ބައިވެރިވާ ރިސޯޓް މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

މީގެ ކުރިން ވެސް އެ ޖަމިއްޔާ އިން ބޭއްވި އިވެންޓެއް ގިނީސް ބުކް އޮފް ވޯލްޑް ރެކޯޑްގައި ލިސްޓްކޮށްފައި ވެއެވެ. "ނޭވާ" ގެ ނަމުގައި 2019 ގައި ބޭއްވި އިވެންޓަކީ އެއްފަހަރާ އެންމެ ގިނަ ބަޔަކު ޑައިވްކުރި އިވެންޓެވެ. އެ ފަހަރުގެ އިވެންޓްގައި ޖުމްލަ 521 މީހުން ބައިވެރިވެފައިވެ އެވެ. އެއީ ދުނިޔޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއްވަގުތެއްގައި ޑައިވްކުރި އިވެންޓެވެ.