އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންގެންދާނެ ކަމަށާއި، އެމެރިކާ ބޭނުންވަނީ މި ހަނގުރާމައިން ކާމިޔާބީ ހޯދުމަށް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

"އަހަރެމެން ބޭނުންވަނީ ހަމައެކަނި ކާމިޔާބު ހޯދަން. އަހަރެމެންގެ މަސައްކަތްތައް ކުރިއަށްދަނީ ވަރަށް ރަނގަޅަށް. މިފަދަ ހާލަތެއްގައި ވެވެން އޮތް އެންމެ ބޮޑަކަށް އަހަރެމެން ބަލަނީ އޯގާތެރިކޮށް ކަންކަން ކުރެވޭތޯ. ނަމަވެސް އެމީހުން (އީރާން) ދަނީ ބޮޑުތަނުން ބަލިވަމުން،" މޭރީލޭންޑްގެ ކޭމްޕް ޑޭވިޑްގައި ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އީރާނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި އަދި އޭގެ ސަބަބުން، ދެން މިކަން އިތުރަށް ތަހައްމަލު ނުކުރެވޭނެ ކަމަށް އެމީހުން ބުނާނެ ދުވަހެއް އަންނާނެ ކަމަށެވެ.

އީރާން އޮތީ ވަރުގަދަ ހާލަތެއްގައި ކަމަށް ބުނެ ފެތުރެމުންދާ ރިޕޯޓްތައް ވެސް އެމެރިކާގެ ރައީސް ވަނީ ދޮގުކުރައްވާފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ހާލަތު މިހާރު އޮތީ ވަރަށް ދަށު ދަރަޖައެއްގަ އެވެ. އަދި އެ ގައުމަކީ އިތުބާރު ހިފޭ، އަދުލުވެރިކަމާއެކު މުއާމަލާތްކުރާ ބައެއް ނޫން ކަމަށް ވެސް ސިފަކުރެއްވި އެވެ.

ވިއެޓްނާމް އަދި އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމަތަކާ މި ހަނގުރާމަ އަޅާކިޔުއްވަމުން ޓްރަމްޕް ވިދާޅުވީ، މި ހަނގުރާމައަށްވީ އެންމެ ފަސް މަސް ދުވަސް ކަމަށާއި، ނަމަވެސް މި ކުރު މުއްދަތުގެ ތެރޭގައި އީރާނުގެ އަސްކަރީ ގާބިލުކަން މުޅިން ސުންނާފަތި ކޮށްލާފައިވާ ކަމަށެވެ.

އީރާނާއެކު ކުރެވޭ މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުން ދޮގު ހަދަމުންދާތީ އެމީހުންނަށް އޮތް އިތުބާރު ކުޑަވަމުންދާ ކަމަށެވެ.

"އަހަރެމެން ތިބީ މަޝްވަރާގެ މަރުހަލާއެއްގެ ތެރޭގައި. ސްޓީވް (ވިޓްކޮފް) ގުޅާނެކަމުގެ އިންތިޒާރުގައި ހުއްޓާ، ޕީޓް (ހެގްސެތު) ގުޅާފައި ބުނީ އުރުދުންގައި ހުންނަ އަހަރެމެންގެ ބޭހަކަށް ފަސް މިސައިލް ހަމަލާ ދީފި ކަމަށް،" އޭނާ ވިދާޅުވި އެވެ.

އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި އޭނާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް، މުޝީރު ޖެރެޑް ކުޝްނާ، ނައިބު ރައީސް ޖޭޑީ ވޭންސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، އެއީ ވަރަށް ގާބިލު ބޭފުޅުން ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ.

ވޭތުވެދިޔަ ހަފުތާތަކުގައި އެމެރިކާއިން ވަނީ އީރާނުގެ އެކި ސަރަހައްދުތަކަށް ގިނަ ހަމަލާތަކެއް ދީފަ އެވެ.

އެމެރިކާއިން ބުނާ ގޮތުގައި މިއީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ ބޯޓުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ދޭ ހަމަލާތަކެކެވެ. މީގެ ރައްދުގައި އީރާނުން ދަނީ ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދެމުންނެވެ. އޭގެ ތެރޭގައި އުރުދުންގައި ހުރި މަރުކަޒެއް ވެސް ހިމެނެ އެވެ.

މި ކުރިމަތިލުންތައް ވަރުގަދަވެފައި މިވަނީ، މިދިޔަ ޖޫން މަހު ޕާކިސްތާނުގެ މެދުވެރިކަމާއެކު ހަނގުރާމަ ހުއްޓާލުމަށާއި ދާއިމީ ސުލްހައަކަށް މަގުފަހިކުރުމަށް އެމެރިކާ އާއި އީރާނާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނިކޮށެވެ.