ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު ވެރިކަމަށް އައީ ކޮރަޕްޝަނަށް ނޫނެކޭ ބުނެ އެ ޓެގްލައިން ރައްޔިތުންނަށް ވިއްކައިގެންނެވެ. އިންސާފު ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދެމުންނެވެ. ކޮރަޕްޝަންގެ ތެރެއިން ގެއްލިފައިވާ ރައްޔިތުންގެ ފައިސާ ރައްޔިތުންނަށް ހޯދައިދޭނެ ކަމަށް ވައުދާއި އަހުދު ކުރަމުންނެވެ.

އެވައުދާއި އަހުދާއި އެއްގޮތަށް ރައީސް ސޯލިހު ވެރިކަމާ ޙަވާލުވެ ފުރަތަމަ ދުވަހު އުފެއްދެވީ ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އެކޮމިޝަނަށް މެމްބަރުން އައްޔަން ކުރައްވާ އެބޭފުޅުންނަށް ކުރިމަތިވި އެންމެ ބޮޑު "ޓާސްކަކީ" އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަންގެ ތަހުގީގެވެ. އެބޭފުޅުން އެ މަސައްކަތް ފެއްޓެވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގެ އިތުރުން ހިންގާފައިވާ އެކި ހިޔާނާތްތައް ބަލައި ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަކީ ރައީސް ސޯލިހުގެ ރިޔާސީ ގަރާރަކުން އެސެޓް ރިކަވަރީ ކޮމިޝަނާ ހަވާލުކުރެއްވި ޒިންމާ އެވެ. ހަމަ އެއާއެކު ރައީސް ސޯލިޙު ގެންދެވީ އެމްއެމްޕީއާރްސީގެ ޚިޔާނާތް ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ ހުރިހާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންދަވާނެ ކަމަށް ރައްޔިތުންނަށް ޔަގީންކޮށްދެއްވަމުންނެވެ. 2019ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ ކުރިމަތީގައި "ކުޑަކަކޫ ނުޖައްސަވާނެ" ކަމަށެވެ. ރައްޔިތުން ތިބީ އެމަނިކުފާނުގެ އެ ވާހަކަތަކަށް ވަރަށް ބޮޑު އިތުބާރެއް ކޮށްގެންނެވެ. އެ ޔަގީންކަމުގަ އެވެ.

ރައީސް ސޯލިހު ވެރިކަމާ ޙަވާލުވެ ދެ އަހަރު ދުވަސްވީއިރު އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ މައްސަލައިގައި މި ސަރުކާރުން ދައުވާކޮށް ހުކުމެއް ކޮށް ޖަލު ބަންދުކޮށްފައިވަނީ ރައީސް ޔާމީންގެ މައްޗަށް އެކަންޏެވެ. މިމައްސަލައިގައި މިސަރުކާރުން ވަނީ ރައީސް ޔާމީނަށް ފަސް އަހަރު ދުވަހުގެ ޖަލުޙުކުމެއްކޮށް ޖަލަށްލާފަ އެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެންމެ އިސް މޭސްތިރި ކަމުގައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ދައުވާކޮށް ހުކުމް ކުރިޔަސް އަދީބު ބަހައްޓާފައިހުރީ ގޭގަ އެވެ. އަދި އޭގެ ކުރިން ވެސް މިސަރުކާރު ވެރިކަމާ ހަވާލުވެ، އަދީބު އެކިފަހަރުމަތިން ގޭގައި ބަހައްޓާފައިވެ އެވެ.

އަދީބުގެ ޚިޔާނާތުގެ މައްސަލައަކީ ރައީސް ޔާމީންގެ ސަރުކާރުން ތަހުގީގު ފަށާފައިވާ މައްސަލަތަކެވެ. އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ މައްސަލައިގެ ތަހުގީގު ވެސް ފެށީ ކުރީ ސަރުކާރުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ޝަރީއަތާ ގުޅިގެން އެމަނިކުފާނުގެ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އެއީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ކުރެވުނު ދައުވާއާއި އެމަނިކުފާނުގެ ހުކުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެގޮތުން އެމަނިކުފާނު ފުރަތަމަ ހައްޔަރުކުރީ ވެސް ގޯސްކޮށް ކަމަށާއި ދައުވާކުރީ ފުރިހަމަ ނުވެ އޮތް ތަހުގީގެއްގެ މައްޗަށްކަމާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ވެސް ފުރިހަމަ ނުވާކަމާއި އަދި ސަރުކާރުން ބޭނުންވާ ޙުކުމެއް އިއްވުމަށްޓަކައި ފަނޑިޔާރު އެންމެ ފަހުވަގުތު ސަސްޕެންޑުކޮށް، ޖޭއެސްސީގެ ތެރެއިންނާއި ސަރުކާރުގެ ތެރެއިން އެ ޙުކުމަށް ނުފޫޒުފޯރުވާފައިވާކަމަށް ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާހަގަކުރައްވާފައިވެ އެވެ.

ލައިވްކޮށް ޓީވީން ދައްކަމުން ދިޔަ ޝަރީއަތް ހިނގަމުންދިޔައިރު ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހާއި، ޝަރީއަތުގައި ދައުލަތުގެ ވަކީލުން ދެއްކެވި ވާހަކަތަކަށް ބަލާއިރު ވެސް މި ދައުވާ ރައީސް ޔާމީންގެ މައްޗަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާނެ ކަމަށް ރާއްޖޭގެ ފުންނާބު އުސް ވަކީލުން ވެސް ވިދާޅުވަމުން ގެންދެވި އެވެ. އިދިކޮޅުން ބުނަނީ މިސަރުކާރު އައިސް ކޯޓުތަކަށް ހަތަރެސްފައި ބާނާ ޖުޑިޝަރީ "ޕެރެލައިޒް" ކޮށްފައިވާ ކަމަށެވެ. ރައީސް ޔާމީންއަށް ހުކުމްކުރި ފަނޑިޔާރު އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ބެންޗަށް ޕްރޮމޯޓް ކުރެއްވީ ރިވޯޑެއްގެ ގޮތުން ކަމަށެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް ބުނެ 155 ފަރާތެއްގެ ނަން އެކުލެވޭ ލިސްޓެއް އޭސީސީން ވެސް ނެރުނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ނެރުނު މި ލިސްޓާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަޙްލޫފާއި ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރަންވެސް އެންގި އެވެ. ނަމަވެސް އޭސީސީން އެމައްސަލަ ތަހުގީގު ކުރުމަށްފަހު ނިންމާފައިވަނީ އެބޭފުޅުންނާ ކުރެވިފައިވާ ފައިސާގެ މުއާމަލާތްތައް ސައްހަ ކަމަށެވެ. އެހެން ކަމުން އެބޭފުޅުން "ހުދު ކަފަކޮޅަށްވެ" ވަޒީފާއަށް އަނބުރާ ނިކުންނަން ރައީސް ސޯލިހު އެންގެވީ އެވެ.

މިލިސްޓުގައި ހިމެނޭ 155 ފަރާތްތަކުގެ ތެރޭގައި އަދި ފަހުން ނެރުނު 260 އަށްވުރެ ގިނަ ފަރާތްތައް ހިމެނޭ ލިސްޓުގައި މިސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރީގެ މަޖިލިސް މެމްބަރުންނާއި އަދި މިހާރުގެ މަޖިލިސް މެމްބަރުންވެސް ހިމެނެ އެވެ. މީގެ އިތުރުން 18ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއް މި ކޮރަޕްޝަންގެ ފައިސާ ނަންގަވާފައިވާ ކަމުގެ ތުހުމަތު ކުރެވިފައިވެ އެވެ. އެގޮތުން އޭރު އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނަވައިގެން ރައީސް ސޯލިހު މި ފައިސާ ނެންގެވި ކަމަށާއި އަދި މިފައިސާ ނަންގަވައިގެން ބިންމިލްކުކުރެވޭ އިސްލާޙަށާއި ނައިބު ރައީސްގެ އުމުރު ބަދަލުކުރެވޭ އިސްލާޙަށް ވޯޓު ދެއްވިކަމަށް ވެސް ތުހުމަތުކުރެ އެވެ. ނަމަވެސް ރައީސް ސޯލިހާ ދާދިފަހުން ރާއްޖެ ޓީވީން އެ ސުވާލުކުރުމުން ވިދާޅުވެފައި ވަނީ އަދީބު އަތުން އެއްވެސް ފައިސާއެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެމަނިކުފާނާ އަދީބާވެސް ބައްދަލުވި ކަމަށާއި އެއްވެސް ފައިސާގެ ވާހަކައެއް ނުދައްކާ ކަމަށް ވިދާޅުވި އެވެ.

އެ ބޮޑު ޚިޔާނާތުގެ އެންމެ ބޮޑު މަންފާއެއް ހޯއްދެވީ ރައީސް މުހައްމަދު ނަޝީދު ކަމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ކުރީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) ގެ ތުހުމަތުތަކެއް ވެސް މީޑިއާތަކުގައިދަނީ އެނބުރެމުންނެވެ. އެ ތުހުމަތުތައް ނަޝީދު ވެސް ގެންދަވަނީ ދޮގުކުރައްވަމުންނެވެ.

މީގެ އިތުރުން އެމްޑީޕީގެ މިހާރުގެ ޕީޖީ ލީޑަރު އަލީ އާޒިމްއާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި އެކަމަނާގެ ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިޒާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމަކީ ވެސް އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކުރާ މެމްބަރުންނެވެ. މަޖިލީހުގެ ތަޅުމުގަ އާއި އެހެނިހެން ފޯރަމްތަކުގައި އެ ވާހަކަދެއްކެވުމުން އެ ބޭފުޅުން ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އޭސީސީ އިން ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ވެސް ވެރިކަން ކުރާ އެމްޑީޕީގެ އިސް ފަރާތްތަކާއި، ކެބިނެޓު މިނިސްޓަރުންނާއި ފަނޑިޔާރުންނާއި އެމްޑީޕީގެ މަޖިލިސް މެމްބަރުން ހިމެނުނު ކަމުގައިވިޔަސް އޭގެއިން އެއްވެސް ފަރާތަކަށް މިހާތަނަށް ތަހުގީގެއް ހިންގައި، ދައުވާކޮށްފައިނުވެ އެވެ. މި ބޭބޭފުޅުން ހަމަ "ހުދު ކަފަކޮޅެއް" ފަދަ އެވެ. ސުވާލެއް ކޮށްލަން ހާޒިރުކުރެވުނު ކޮމިޝަނެއް ވެސް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޕީޖީ ހުސެއިން ޝަމީމު ވިދާޅުވީ އެމްއެމްޕީއާރްސީ އާ ގުޅިގެން ތަފާތު އެކި ބޭފުޅުން އެކި ކަންކަމުގައި މުއާމަލާތް ކުރައްވާފައިވާ ކަމަށާއި އޭގެ ތެރޭގައި ހެޔޮ ނިޔަތުގައި މުއާމަލާތް ކޮށްފައިވާ ފަރާތްތަކަށް ދައުވާ ނުކުރައްވާނެ ކަމަށެވެ.

ކޮންމެއަކަސް އެމްއެމްޕީއާރްސީގެ މައްސަލައިގެ ކޮޅެއް މެދެއް ނިމުމެއް އަދިވެސް ފެންނާކަށް ނެތެވެ. އެންމެފަހުން ރާއްޖޭގެ ޓީވީ ޗެނަލަކަށް ރައީސް ސޯލިހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މިސަރުކާރު ވެރިކަމަށް އައިފަހުން ކޮރަޕްޝަންގެ ވާހަކަ މީހުން ދައްކަން ފަށައިފި ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރެވޭ ފަދަ މޭރުމަކުން އެ މަނިކުފާނު ވާހަކަފުޅު ދެއްކެވި އެވެ. މިކަމުގެ ވަރަށް އަޑިއަށް ފީނަންޖެހޭ ކަމަށާއި މިއީ ކިހާ ބޮޑު ކަމެއްކަން ވަޒަންކުރެވުނީ މިމަސައްކަތް ފެށުމުން ކަމަށް ވެސް ވިދާޅުވި އެވެ.

މި ޚިޔާނާތުގައި ބައިވެރިވި ނުވަތަ ކިރިޔާވެސް މިކަމުގައި ޝާމިލްވި ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުނުކޮށް މިމައްސަލައިގައި ހޯދޭނެ ކުރިއެރުމެއް ނުވަތަ އިންސާފެއް އޮންނާނެތޯ އެވެ. ހައްތާހާ ވެސް ފެންނަނީ އިދިކޮޅުގައި ތިބި ފަރާތްތަކަށް ބިރުދައްކާ އެފަރާތްތައް ދެއިރު ދެދަޅައަށް ކޮމިޝަންތަކަށް ޙާޒިރު ކުރަމުންދާ ތަނެވެ. އަދި އިދިކޮޅު ލީޑަރު އަދި މިވަގުތު ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ސިޔާސީ ލީޑަރު ޖަލަށްލާ މަތިމައްޗަށް ދައުވާތައް ކުރަމުންދާ ތަނެވެ. އޭގެ މުގުލުގައި ހުރި ބޭފުޅާއާއެކު "އެއްބަސްވުން" އެކުލަވާލާ "ލުއި" ދެއްވައި ގޭގައި ބާއްވައިގެންނެވެ.

އެހެންކަމުން ހެޔޮ ނިޔަތެއްގައި ސާފުހިތަކުން މިމައްސަލަ ތަހުގީގުކުރާނަމަ ކޮރަޕްޝަން ތަހުގީގު ކުރުމަށް ސަރުކާރުން އުފެއްދި ރިޔާސީ ކޮމިޝަނަށް މިހާތަނަށް 4.6 މިލިއަން ރުފިޔާ ޚަރަދުކޮށް، ރައްޔިތުންނަށް ފެންނަން ޖެހޭނީ މިވަރުގެ ނަތީޖާއެއް ނޫނެވެ. މި ކޮމިޝަން ހިނގައި ނުގަނެ އޮތީ ގާނޫނީ ބާރު ނުލިބިގެން ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް މި ސަރުކާރުގެ މެޖޯރިޓީ މަޖިލިސްއިން ވަނީ މި ކޮމިޝަނަށް ގާނޫނީ ބާރު ވެސް ދީފަ އެވެ. އޭގެ ފަހުން ބުނަމުންދިޔައީ ހަ މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ބޮޑު ޚިޔާނާތުގެ މައްސަލަ އޭސީސީއާއި ރައްޔިތުންގެ މަޖިލީހާއި ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ކޮންމެ ދުވަހަކު ކިޔާ ލަވައެއްހެން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ އަޑުނެތްކޮޅަށް ދައްކަވަ އެވެ.

ތަހުގީގު ލަސްވެގެން ރިޔާސީ ކޮމިޝަނަށް ފާރަވެރިވާން މަޖިލިސްގެ ކޮމިޓީތައް ވެސް އުފައްދަވާފައި އެބަހުއްޓެވެ. ރިޔާސަތުން ވެސް މިވާހަކަ ވަރަށް ދައްކަވަ އެވެ. ފައިސާގައި ޖެހުނު މެމްބަރުންގެ ނަންތައް ހޯދުމަށް ވެސް ފޮނުވާފައިވެ އެވެ. ޚިޔާނާތްތައް ބެލުމުގައި "ފެއިލް" ވެފައިވާ ކަމަށް ވިދާޅުވަނީ ވެސް އެބޭފުޅުންގެ ދުލުންނެވެ.

ރައީސް ސޯލިހު މަގާމުގެ ހުވާކުރެއްވިތާ މިއަދު ދެ އަހަރު ފުރުނުއިރު ވައުދާ އެއްގޮތަށް މިމައްސަލައިގައި ލިބުނު ކުރިއެރުމެއް ފެންނާކަށް ނެތެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ފެންނާނެ ކަމުގެ އުއްމީދެއް ނެތެވެ. އަދި މިމައްސަލަ އިންސާފުވެރި ކަމާއެކު ތަހުގީގުކުރެވޭނެ ކަމުގެ ޔަގީންކަމެއް ވެސް ނެތެވެ. އެ މައްސަލައިގައި ކުރީގެ ސަރުކާރުން ހޯދަން އިންޓަ ޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުނު މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި މުހައްމަދު ހުސެއިން (އޮއިއްޓޭ) އާއި މުހައްމަދު އިޝްފާހު އަލީ އަދި މުހައްމަދު އަސީލް އަހުމަދު މި ސަރުކާރުން އެދިގެން ވަނީ އުވާލައިފަ އެވެ.

ނަން ހާމަނުކުރާން އެދި މިސަރުކާރަށް ވެސް ނިސްބަތްވާ މީހަކު ބުންޏެވެ.

"އަދީބަކީ ރައީސް ނަޝީދު ކުރީ ސަރުކާރުގައި އެޅުވި ފަންޏެއް ނޫންތޯ އެވެ. ތިޔަ ޚިޔާނާތުގެ މައްސަލައިގެ އެންމެ އަޑިއަށް ފީނައިފިނަމަ މިސަރުކާރުގެ ބޮޑެތި ތަނބުތައް "ނިކަން ރަނގަޅަށް ބޭޒާރު" ވެދާނެ އެވެ. ވީމާ މި ފަސް އަހަރު ނިމެންދެން ވެސް ތިބޭނީ އަޑިއަށް ފީނާނެ އާލާތްތައް ހަމަ ނުކުރެވި އެވެ. ވަރަށް ވާހަކަ ދެއްތޯ އެވެ.