ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ދިވެހި ޑައިވަރަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ ގެއްލިގެން ހޯދަނީ އެ ރަށު ބަނދަރު ކައިރިއަށް މިއަދު މެންދުރު ޑައިވިންއަށް ދިޔަ ޑައިވަރެއް ކަމަށެވެ. އެއީ އެ ރަށުގައި ޑައިވް ސެންޓަރެއް ހިންގާ ނޫވިލު، މުހައްމަދު ސައީދު ކަމަށްވެ އެވެ.

"ގެސްޓުން ގޮވައިގެން ޑައިވިންއަށް ދިޔައީ ގާތްގަނޑަކަށް 14 މީޓަރަށް. އެ މީހުންނާއެކު ޑައިވިންއަށް ދިޔަ މިރަށުގެ ޑައިވަރަކު ކުއްލިއަކަށް މައްޗަށް އެރީ، އަނެއް މީހާ ގެއްލިގެން ހޯދަނީ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ގެއްލިގެން ހޯދާ ސައީދަކީ ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ ތަޖުރިބާކާރު ޑައިވަރެއް ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި ރަށުގައި ތިބި ގިނަ އަދަދެއްގެ ޑައިވަރުން ބައިވެރިވާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ފުވައްމުލަކުގައި މިއަދު ޑައިވިންއަށް ދިޔަ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަނީ. ފޮޓޯ | ހުރިހާ

އެ ރަށުން ވާހަކަދެއްކި މީހަކު ބުނީ މައްޗަށް އެރި ދެވަނަ މީހާއަށް ފަރުވާ ދިނުމަށް އެ ރަށު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ ސަރަހައްދުގައި ތިބި މީހުން ބުނާ ގޮތުގައި ޑައިވިންއަށް ދިޔަ ސަރަހައްދުގެ އޮއިވަރު ވަރަށް ގަދަ. އެހެންވުމުން ބޭރަށް އޮއިވަރު އޮތިއްޔާ ހޯދަން އުނދަގޫވެދާނެ،" އެ މީހާ ބުންޏެވެ.

ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އެ ރަށު ހަންހާރަ، މަހުމޫދު ފާއިޒަށެވެ.

އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކު ބަނދަރު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހެއްގެ ޚަބަރެއް ނުވެގެން އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ސްކޮޑްރަންއިން ފަށާފައިވާ ކަމަށެވެ. އަދި ގެއްލިގެން ހޯދަމުންދަނީ އުމުރުން 35 ވަރަކަށް އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ފުވައްމުލަކުން މިއަދު ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު ސައީދު. ފޮޓޯ: ސޯޝަލް މީޑިއާ

"ގެއްލިގެން ހޯދަމުންދާ މީހާ ޑައިވިނަށް ފޭބީ މިއަދު 2:30 ހާއިރުކަމަށާއި، ފީނަން ފޭބިއިރު އެ މީހާ ލައިގެން ހުރީ ކަޅުކުލައިގެ ޑައިވިން ސޫޓެއްކަމަށް މައުލޫމާތު ލިބިފައިވޭ. މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 3:45 ހާއިރު،" އެމްއެންޑީއެފް އިން ބުންޏެވެ.

-0.306317, 73.441467

އެ ރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ ސައީދު އާއި މަހުމޫދު ޑައިވިންއަށް ދިޔައީ ގެސްޓުންނާ ވަކިން ކަމަށެވެ. އަދި ސައީދު އަށް ކޮންމެ ވެސް ގޮތެއްވުމުން އެ ވާހަކަ އަންގަން މަހުމޫދު ކުއްލިއަކަށް މައްޗަށް އެރީ ޑައިވިން ފުޅި ވެސް ދޫކޮށްލުމަށްފަހު ކަމަށް ވެސް އޭނާ ބުންޏެވެ.

"ފުޅި ދޫކޮށްލުމަށްފަހު ކުއްލިއަކަށް މައްޗަށް އެރުމުން މަހުމޫދު ޑީކޯވީ. އޭނާ މައްޗަށް އެރީ ސައީދުއަށް ވީގޮތެއް ބުނަން ކަމަށް ލަފާކުރެވެނީ،" އެ މީހާ ބުންޏެވެ.

ފުވައްމުލަކުން މިއަދު ޑައިވިންއަށް ގޮސް އުޅެނިކޮށް މީހަކު ގެއްލުމުން އެ ރަށު މީހުން ބަނދަރު ސަރަހައްދަށް ޖަމާވެގެން. ފޮޓޯ: ސޯޝަލް މީޑިއާ

އޭނާ ބުނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މަހުމޫދު އަދިވެސް ހެއެއް ނާރާ ކަަމަށާއި އިތުރު ފަރުވާ ދިނުމަށް ފުރުވާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.