މާލޭ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްފައި ވަނީ މާލިއްޔަތު ގާނޫނާ ހިލާފަށް ކަން ހާމަވެއްޖެ އެވެ.
ރޯމަސް މާރުކޭޓު ކުއްޔަން ދޫކޮށްފައި ވަނީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް، ހުންނެވި ދުވަސްވަރު އެވެ.
ރޯމަސް މާރުކޭޓު ހަވާލުކޮށްފައި ވަނީ އެފްޖޭ ޑިޒައިން ކިޔާ ކުންފުންޏަކާ އެވެ. އެއީ ލ. ފޮނަދޫ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި އެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އާއިލާއަށް ނިސްބަތްވާ ގާތް މީހެއްގެ ވިޔަފާރިއެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުން އެ ވިޔަފާރިއަކީ އެހެން މީހެއްގެ ނަންމަތީގައި ރެޖިސްޓްރީ ކޮށްފައިވީ ނަމަވެސް އަބްދުއްރަހީމްގެ ވިޔަފާރި ކުންފުންޏެކެވެ. އެގޮތުން އެ ވިޔަފާރި ރެޖިސްޓްރީ ކޮށްފައި ވާ މީހާ އަކީ އަބްދުއްރަހީމުގެ ރަށް ލ. ފޮނަދޫގައި ހުންނަ ފިހާރައިގެން ކަންކަން ވެސް ބަލަހައްޓާ ފަރާތެވެ. އަބްދުއްރަހީމުގެ މުޅި ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަނީ އަބްދުއްރަހީމްގެ އިރުޝާދުގެ ދަށުން އޭނާފެ އާއިލާއަށް ނިސްބަތްވާ އެ މީހާ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރޯމަސް މާރުކޭޓު ކުއްޔަށް ދޫކޮށްލާފައި އޮތީ ބިޑު ކޮމިޓީގެ ނިންމި ގޮތާއި ހިލާފަށް ކަމަށެވެ.
ރޯމަސް މާރުކޭޓު، އެފްޖޭ ޑިޒައިންސް އަށް ދޭން ބިޑު ކޮމިޓީން ނިންމީ މަހަކު 130،000ރ އަށެވެ. ނަމަވެސް، އެއްބަސްވުން ހެދީ މަހަކަށް 70،000ރ. ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އޮންނަ އުސޫލާއި ޖިލާފަށް އެ އެއްބަސްވުން ކުރިއަށް ނުގެންދެވޭ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ސައިފު ފާތިހު ކައުންސިލްގެ ބައްދަލުވުމުގައި ވިދާޅުވީ ބިޑް ކޮމިޓީން ނިންމާފައި އޮއްވައި އެހެން އަގަކަށް ދޭން ނުނިންމޭނެ ކަމަށެވެ. އެއީ މާލިއްޔަތު ގާނޫނާ ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މަސް މާރުކޭޓުގެ ކަރަންޓު ބިލްތައް ވެސް ދައްކާފައި ނުވާ ކަމަށާއި ދައްކަން ހުރި ބިލްތަކަށް 437،000 އަށް ވުރެ ގިނަ ރުފިޔާ އަރާ ކަމަށް އާޒިމް ވިދާޅުވި އެވެ.
މި މައްސަލަތައް ފާހަގަ ކުރެވުމުން އެއްބަސްވުން ކުރިއަށް ގެންދިޔުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އާޒިމް ފާހަގަ ކުރެއްވި އެވެ. އެހެންވެ،
އެހެންވެ، މި މައްސަލައިގައި މާލޭ ސިޓީ ކައުންސިލުގެ ބިންތަކާ ބެހޭ ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު، އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލް ބައްދަލުވުމަށް ހުށަހަޅާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
މާލޭ މޭޔަރަކަށް މުއިއްޒު ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރެއްވި އިރު، މާލޭ ރޯމަސް މާރުކޭޓު ތަރައްގީކުރަން ބަޔަކާ ހަވާލުކުރި އެވެ. ރައީސްކަން ލިބިވަޑައިގަތުމަށް ފަހު އެ މަޝްރޫއު ސަރުކާރަށް ގެންދިޔަ އެވެ.
އެ މަޝްރޫއު ހަވާލުކުރީ ކުރިން ވެސް ފާހަގަކުރި ފަދައިން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ގެ އާއިލާއަށް ނިސްބަތްވާ މީހެއްގެ ވިޔަފާރި ކުންފުންޏަކަށެވެ. އެ ކުންފުނި އެހެން މީހެއްގެ މައްޗަށް ރެޖިސްޓްރީ އޮތް ނަމަވެސް އެއީ އަބްދުއްރަހީމް ގެ ކުންފުންޏެއް ކަމަށް ވަނީ އެނގިފަ އެވެ. އަބްދުއްރަހީމްގެ "އަރަފާ" ނަކަމަށް ވިޔާ ރަށުގައި ހިންގާ ފިހާރަ ވެސް އޮންނަނީ އެ ކުންފުނީގެ ނަން މަތީގަ އެވެ.