އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިވާ ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގިނަ ސުވާލުތަކެއް އުފައްދަވައިފި އެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން އީވާ ވަނީ ގިނަ ކަންބޮޑުވުންތަކެއް ވެސް ފާޅުކުރައްވާފަ އެވެ. އީވާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ލިބޭ އާމްދަނީއަށްވުރެ ރިކަރަންޓް ޚަރަދު ބޮޑުވުމެވެ.

"ބަޖެޓުގައި ކަނޑައެޅިފައިވާ ޚަރަދުގެ 60 އިންސައްތަ ރިކަރަންޓް ޚަރަދަށްވީމާ އުނދަގޫވޭ،" އީވާ ވިދާޅުވި އެވެ.

އަންނަ އަހަރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17 ބިލިއަން ކަމަށާއި، ހަމައެކަނި ރިކަރަންޓު ޚަރަދަށް 22 ބިލިއަން އޮތުމުން ވަރަށް ބޮޑަށް އުދަގޫވާ ކަމުގައި އީވާ ފާހަގަކުރެއްވި އެވެ. އަދި އެކަމަކަށް ތާއީދުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރަންޖެހޭ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އީވާ ވިދާޅުވީ ބަޖެޓުން ފެންނަނީ ދައުލަތް ހަނިވެފައި ސަރުކާރު ފުޅާވާ މަންޒަރު ކަމަށެވެ. މިނިވަން މުއައްސަސާ ތަކުގެ ބަޖެޓް ހަނިކުރުމަށްފަހު ހިންގުމުގެ ޚަރަދު ބޮޑުކުރުމުން ދައުލަތަށް އިސްކަންދެނީ ކިހާ މިންވަރަކަށްތޯ އޭނާ ސުވާލުކުރެއްވި އެވެ. ޑިމޮކްރެސީއާއި ޙައްޤުތައް ހޯދައިދިނުމަށް މިބަޖެޓުން އާމްދަނީއާއި ޚަރަދުގެ ފަރަގު އިންތިހާއަށް ބޮޑުކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ޕީއެސްއައިޕީ މަޝްރޫޢުތައް ނުހިންގޭނެ ކަމަށް އީވާ ވިދާޅުވި އެވެ. އަދި އެ މަޝްރޫޢުތައް ހިންގޭނެ ކަމަށް ރައްޔިތުން ވެސް ގަބޫލު ނުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެން އެއްކޮށް ޕީއެސްއައިޕީ ކުޑަކުރާން އެންމެން އެކުގައި ވަކާލާތު ކުރެވުނުނަމަ ކުޑަކުރެވޭނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޕީއެސްއައިޕީ ޕްރޮޖެޓްސްތައް މިހާ ގިނަ ކޮށްގެން ބަޖެޓް އިންފްލޭޓްކޮށްގެން އަޅުގަނޑުމެން ދާން.. މި ކަން ތަންފީޒް ނުކުރެވޭނެ،" ޕީއެސްއައިޕީއަށް ކަނޑައަޅާފައިވާ ގޮތަށް ފާޑުވިދާޅުވަމުން އީވާ ވިދާޅުވި އެވެ. "އެންމެނަށް ވެސް އެނގޭ އާމްދަނީ ކުޑަކަން. އެންމެނަށް ވެސް އެނގޭ މިހުރިހާ ފުޓްސަލް ދަނޑެއް ނޭޅޭނެކަން."

މީގެ އިތުރުން ބަޖެޓް ޑެފިސިޓަށް ފައިނޭންސް ކުރުމަށް ބޮންޑާއި ސުކޫކު ވިއްކުމަށް ހިމަނާފައިވާއިރު އެކަން ކުރެއްވޭނެތޯ ވެސް އީވާ ސުވާލު އުފެއްދެވި އެވެ. އަދި އެކަން ކުރެއްވޭނެ ކަމަށް ދެކެވަޑައި ނުގަންނަވާކަން ފާހަގަކޮށް ރާއްޖޭގެ ރޭޓިންގްސް ބައިނަލްއަގުވާމީ ޖަމްޢިއްޔާތަކުން ދަށްކޮށްފައިވާއިރު އެކަން ވިސްނުމުގައި ބަހައްޓައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ޑެފިސިޓާ ދޭތެރޭ ވިސްނުމަކީ އަޅުގަނޑުމެންގެ ޒިއްމާ. މިހިނގާ އަހަރުވެސް ސުކުކޫކު ބޮންޑަށް އަޅުގަނޑުމެން 300 މިލިއަން ބަޖެޓްކޮށްފައި ލިބޭނެ ކަމަށް ޖަހާފައި، އަންނަ އަހަރުވެސް 400 މިލިއަން ސުކޫކު ބޮންޑަށް ބަޖެޓްކޮށްފައި، މިކަން ވާނޭކަން އަޅުގަނޑަށް ނުފެންނާތީ އަޅުގަނޑު ސުވާލު މި އުފައްދަނީ." އީވާ ވިދާޅުވި އެވެ.