ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ދާއިރާގެ ގޮނޑީގައި އިންނެވި ނަމަ މިހާރު ހުށައެޅިފައިވާ ބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މަޖިލީހުގައި މޫޑީސްއިން ސަރުކާރުން ހުށައަޅާފައިވާ ބަޖެޓާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އެމަނިކުފާނަށް ވޯޓު ނުދެއްވޭ ކަމަށާއި، އަދި ދާއިރާގެ ގޮނޑީގައި އިންނެވި ނަމަވެސް މިހާރު ހުށައަޅާފައިވާ ގޮތަށް މިބަޖެޓަށް ވޯޓު ނުދެއްވާނެ ކަމަށެވެ.

ރައީސް ނަޝީދު މިގޮތަށް ވާހަކަފުޅު ދެއްކެވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ބަޖެޓާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ބަޖެޓާ ގުޅޭ ގޮތުން މޫޑީސްއިން ހުށައަޅާފައިވާ ރިޕޯޓް މަޖިލިސްގެ ހުރިހާ މެމްބަރުންނަށް ހިއްސާ ކުރައްވާފައިވާ ކަމަށާއި މިހާރު ހުށަހަޅާފައިވާ ބަޖެޓުގެ ޑެފިސިޓާއެކު އެ ބަޖެޓު ފާސްކޮށްފިނަމަ، އެކަމުގެ ސަބަބުން ކްރެޑިޓް ރޭޓިންއަށް އަސަރުކޮށް މޫޑީސްއިން ދޭ ރޭޓިން ދަށްކުރާނެ ކަމުގައި އެ ރިޕޯޓުގައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މޫޑީސްއިން ދެކޭ ގޮތުގައި 2020 ވަނަ އަހަރު ބަޖެޓު ޑެފިސިޓު 13.4 އިންސައްތައިގައި ހުރި ކަމަށެވެ. އަދި އެއީ ޑެފިސިޓްގެ ޕީކު ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތް އަހަރު ބަޖެޓު ޑެފިސިޓު ހުންނާނީ 23.4 އިންސައްތައިގައި ކަމަށް މޫޑީސްގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

ބަޖެޓު ބަހުސްގައި ގިނަ މެމްބަރުންދަނީ ބަޖެޓްގައި ހުރި ކަންކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވެސް ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބަޖެޓްގައި ހުރިކަންކަން ކުރެވޭނެތޯ ސުވާލު އުފައްދާފަ އެވެ.