މިދިޔަ އަހަރުގެ މެއި ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަހުމަދު ފާތިހު، ހަމަލާ ދިން އިރުވެސް ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދެވުނު ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި ލ. ގަން، ތުނޑި ދުންފިނިއުފާ، އަހުމަދު ފާތިހުއަކީ އެ ހަމަލާ ދެވުނު އިރު އަދި ހައްޔަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ކަމަށް ބުނެ ދައުރުކުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ފާތިހު ފުލުހުންގެ ވަޒީފާއާ 2018 ނޮވެމްބަރ 25 ވަނަ ދުވަހު ގުޅުމަށްފަހު، 2021 ފެބްރުއަރީ 3 ވަނަ ދުވަހު އަމިއްލައަށް އެދިގެން ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގުކުރަމުން ދިޔައިރު، ތަހުގީގު ހިނގާ ނުހިނގާ ގޮތް ބެލުމަށް އެކުލަވާލެވި ހުރިހާ ފަރާތަކާ ދިވެހި ފުލުހުންގެ ޚިދުމަތުން ވާނީ ފާތިހުއަކީ ހަމަލާދިންއިރު އަދި ހައްޔަރުކުރެވުނު އިރު ވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފައި ކަމަށެވެ. އަދި މި މައުލޫމާތު މިޑިއާތަކަށް ވެސް ކުރިން ވާނީ ފޯރުކޮށްދީފައި ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ރައްޔިތުންގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ ހަމަލާގެ ތުހުމަތަށް އަޙްމަދު ފާތިހު ހައްޔަރުކުރުމަށްފަހު ތަހުގީގު ނިންމައި، ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް، ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމަވާފައި ވަނީ ފާތިހުގެ މައްޗަށް ދައުވާކުރެވޭނެ އެކަށީގެންވާ ހެކި ނެތުމުން ދައުވާ ނުކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން މިފަދަ ޚަބަރުތައް ގެނެސްދިނުމުގައި އިތުބާރު ހިފޭ މަސްދަރުތަކުން މައުލޫމާތު ހޯދައި ސައްހަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.