މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ބޮމުގެ ހަމަލާގައި މިހާރު ކުރިއަށްދާ ތަހުގީގުތަކުން ހެކި ލިބޭ މީހުންގެ މައްޗަށް ދައުވާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިހެން ބުނެފައި ވަނީ ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާއަށް އެއް އަހަރު ވެގެންދިޔައިރުވެސް އެ ހަމަލާއަށް ފަންޑުކުރި މީހުން ހޯދިފައިނުވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އަދި ރައީސް ނަޝީދު ވެސް މިހަމަލާއާ ގުޅިގެން މިވަގުތު އަންނަނީ ބޮޑެތި ތުހުމަތުތަކެއް ބައެއް ފަރާތްތަކުގެ ބޮލުގައި އަޅުވަމުންނެވެ.

މިކަމާ ގުޅިގެން ޕީޖީ އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ނުރައްކާތެރި ހަމަލާގެ ތަހްގީގާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ގާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި، ގާނޫނުގައި ކަނޑައަޅާފައި އޮތް އުސޫލުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުންފަދަ ހުރިހާ ކަމެއް ހިނގައިދިޔައީ، ފުލުހުންގެ ތަހްގީގު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާއެއްކޮށް މަސައްކަތް ކޮށްގެން ކަމަށް ޕީޖީ އޮފީހުން ބަޔާންގައި ވަނީ ބުނެފަ އެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރިޔަށް ގެންދިޔައިރު ޕީޖީ އޮފީހުން ދެ މީހަކު ފުލުހުންނާ އެއްކޮށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރައްވަމުން ޕީޖީ އޮފީހުން ބުނީ މައްސަލަ ދިރާސާ ކުރުމުގެ މަރުހަލާގައި، މައްސަލައަށް ބޭނުންވާ ވަރަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަޞީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާނެ ކަމަށެވެ. އެގޮތުން، އެމެރިކާއާއި، އިނގިރޭސިވިލާތާއި، އޮސްޓްރޭލިޔާއާއި، އެހެނިހެން ގައުމުތަކުގެ ފަންނީ އެހީތެރިކަން މިމަސައްކަތަށް އަބަދުވެސް ލިބެމުން ދިޔަ ކަމަށް އެ އޮފީހުން ފާހަގަކުރެ އެވެ.

ޕީޖީގެ ބަޔާނުގައި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު ތަހުގީގުގައި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވެފައިވާ ކަމަށާއި، އޭނާގެ މައްޗަށް މިހާރު ހުކުމްކޮށްފައިވާއިރު، އޭނާ ދަނީ ހުކުމް ތަންފީޒު ކުރަމުން ކަމަށެވެ. އަދި އޭނާގެ އިއުތިރާފު އެހެނިހެން ހެކިތަކުން ފެންނަން ހުރި ކަންކަމާ ދިމާވާ ކަމަށާއި، އެ އިއުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް ނެތިވެފައިވާ އިއުތިރާފެއްކަން ފުލުހުންނާ ވަކިން ޕީޖީން ކަށަވަރުކޮށްފައިވާ ކަމަށެވެ. އެއީ ރައީސް ނަޝީދަށް ދިން ހަމަލާގައި ބޮން ގޮއްވާލި އަހްމަދު އަދުހަމް ރަޝީދެވެ.

"އޭގެ ފަހުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ބާރު ލިބިގެން، ކޯޓުންވެސް އޮތީ އެކަން ކަށަވަރު ކުރައްވާފައެވެ. އޭނާ، ޝަރީޢަތުގެ މަރްޙަލާގައި އިޢުތިރާފުނުވިނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅި ދަޢުވާތަކަށް ބާރުދޭނެ ހެއްކާއި ޤަރީނާ ހުރީ ކޯޓަށް ހުށަހެޅިފައެވެ." ޕީޖީގެ ބަޔާނުގައިވެ އެވެ.

މި މައްސަލައިގައި ހިމެނޭކަމަށް، ހެކި ހުރެގެން ދަޢުވާކުރި އެހެން މީހުންގެ ބައިތަކުގައި ވެސް، ޕީޖީން ހުށަހެޅި ދައުވާތަކަށް ބާރުލިބޭ ކާފީ ހެކި ހުށަހަޅާފައިވާނެ ކަމަށާއި، ހެކީގެ ތެރޭގައި، އިޢމއުތިރާފު ބަޔާނުގެ އިތުރުން، ޑީ.އެން.އޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ހަބީރުންގެ ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކުގައި، އެހެކިތައް ހުށަހެޅުމުން، އެހެކިތަކުގެ ހަރުދަނާކަމާމެދު ގޮތެއް ނިންމުމަކީ، ކޯޓުތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާއެއް ކަމަށް ޕީޖީގެ ބަޔާނުގައިވެ އެވެ.

މިމައްސަލަ ހިނގާދިޔައިރު، ތަހްގީގާއި ދައުވާ ކުރުމުގެ ކަންކަން ބެއްލެވުމަށް، ރައީސް ސޯލިހު އައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ގެންދެވީ، ތަހުގީގާއި ދައުވާކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްކަން ކަށަވަރު ކުރެއްވުމަށް، އެކަންކަން ގާތުން ބައްލަވަމުންކަން ޕީޖީން ފާހަގަކޮށްފައިވެ އެވެ.

ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުން ވެސް ހެކި ލިބިއްޖެނަމަ، އެ މައްސަލައެއްގައި ދައުވާ ކުރުމަކަށް ހުރަހެއް ނެތް ކަމަށާއި، މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ، އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރޭނެކަމުގެ ޙުއްޖަތެއް ނޫން ކަމަށް ވެސް ޕީޖީގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރެވުނު، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެމައްސަލައިގައި މިހާރު ކުރިއަށްދާ ތަހްގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު އެއޮފީހުން ގޮތެއް ނިންމާނެކަމަށް ޕީޖީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.