ހޮލީވުޑްގެ އެކްޓްރެސް އެކްޓަރު އެމްބާ ހާޑް ކޯޓުގައި ދޮގުހަދަނީކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި އޭނާއަށް ބުލީކުރަން ފަށައިފި އެވެ.

ހޮލީވުޑްގައި އެންމެ ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެމްބާ ހާޑް އާއި ޖޯނީ ޑެޕްގެ ކޯޓު މައްސަލަ ހިމެނޭއިރު، އެ މައްސަލައިގެ ތެރެއިން އެމްބާ ހާޑްގެ ގިނަ ސިއްރުތަކެއް ފަޅާއަރައި އާންމުންގެ ތެރޭގައި އޭނާ ވަނީ ބޭޒާރުވެފަ އެވެ.

އެގޮތުން ޖޯނީ ޑެޕް، އޭނާ އަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާކުރިކަމަށް ސޯޝަލް މީޑިއާގައި ފެތުރި ހަބަރުތަކާ ގުޅިގެން ޖޯނީ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ. އަދި މައްސަލަ ބެލުބެލުމުގައި ހާމަވީ އެމްބާ، ޖޯނީއަށް އަނިޔާކުރިކަމެވެ.

ރައްދުގައި އެމްބާވެސް އޭނާގެ ކޮޅެއް ދުލެއް ނުކުރެ އެވެ. އަދި ޖޯނީ އޭނާއަށް އަނިޔާކުރި ކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ އެވެ. ނަމަވެސް އެދެމީހުންގެ ޝަރީއަތް ކުރިއަށް ގެންދިޔަ ލައިވް ފީޑުން އާންމުންނަށް ފާހަގަވެގެންދިޔަ ގިނަ ކަންކަމަށް އާންމުން ވަނީ ސޯޝަލް މީޑިއާ އާއި އެހެނިހެން ޕްލެޓްފޯމްގައި ވާހަކަ ދައްކަން ފަށާފަ އެވެ.

އެގޮތުން އެމްބާ ދައްކާ ވާހަކަތައް އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށާއި، އޭނާ ވާހަކަ ދައްކާއިރު، މޫނާއި އަތަށް ގެންނަ ހަރަކާތްތަކުން އޭނާގެ ދެއްކުންތެރިކަން ފާޅުވާކަމަށް އާންމުން ބުނަމުންދެ އެވެ.

އާންމުން މިހާރު ވަނީ އެމްބާ ކޯޓުގައި ދައްކާ ވާހަކަތަކަށް ވީޑިއޯ ކުޅެ، ޓިކްޓޮކްވެސް ކުޅެން ފަށާފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކު ދަނީ ޖޯނީ އަށް ސަޕޯޓުކޮށް އޭނާއަށް ހަމްދަރުދީ ވަމުންނެވެ.