އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ދޮރު ހަލާކުކޮށްލި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރު ކުރީ މ. ސްޓާ / މާލެ، މުހައްމަދު ރަޒީން (49އ) އެވެ.

ޗާންދަނީމަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގެ ދޮރަށް ގެއްލުންދިން ކަމުގެ މައުލޫމާތު ލިބުނީ މިމަހުގެ 1 ވަނަ ދުވަހުގެ ދަންވަރު 1:30 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެއާއެކު މިއަދު ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރަޒީން މިދިޔަ ހޮނިހިރު ދުވަހު ފުލުހުންގެ ބަންދުން ދޫކޮށްލުމަށްފަހު އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މީނާ އަކީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ކެފޭއަކަށް ވަދެ, ފައިން ޖަހައި އެ ކެފޭގެ ބިއްލޫރި ޝޯކޭސްއެއް ތަޅާލުމާ ގުޅިގެން ހައްޔަރު ކުރި މީހަކަށްވާއިރު، މިދިޔަ އަހަރުގެ ޑިސެންބަރު މަހުވެސް އައިޖީއެމްއެޗްގައި ފުލުހުންނަށް ހުރަސްއަޅައި ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރި އެވެ.