ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) ހައްޔަރުކޮށްފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި، ޓިކްޓޮކް ތަރި ރޫމީ ހައްޔަރުކުރީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެންނެވެ.

އެގޮތުން އެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި، އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ބައެއް މީޑިއާތަކުން ބުނާގޮތުގައި އޭނާއާ އޭނާގެ ފިރިމީހާ ހައްޔަރުކުރީ ހެންވޭރު ބްލޫބްރިޖް ނަމަކަށް ކިޔާ ގެއެއްގައި އޭނާ ދިރިއުޅޭ ބައިންނެވެ. އަދި އެދެމީހުން ހައްޔަރުކުރި އިރު، އެގެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ވެ އެވެ.

ރޫމީ އަކީ މީގެ ގިނަ އަހަރުތަކެއްގެ ކުރިން ސިނަމާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެހެންނަމަވެސް އޭނާއަށް މަޝްހޫރުކަން ލިބުނީ، ޓިކްޓޮކް ކުޅޭ ވީޑިއޯތައް ވައިރަލްވެ، ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.