މިދިޔަ ބުދަ ދުވަހު މާލޭގެ ސޯޝަލް ސެންޓަރު ގުގުމާލީ އެ ކުޅުންތެރިޔާއަށް ދިވެހިން ދިން ތަރުހީބުގެ އަޑުންނެވެ. ސަރަހައްދީ ވާދަވެރި އެތައް ގައުމަކާ ވާދަކޮށް ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ކެޑޭޓް ކެޓަގަރީއިން ފައިނަލަށް ދެވުނު ވަގުތު އޭނާގެ ލޮލުން ފާއްދާލީ އުފާވެރި ކަމުގެ ކަރުނަ އެވެ. ކޯޓުން ބޭރުގައި ހުރި އޭނާގެ ބައްޕަގެ ގައިގައި ބައްދާލީ އެ އުފާވެރިކަމާ އެކުގަ އެވެ.
އެއީ އުމުރުން 14 އަހަރުގެ ފާތިމަތު ދީމާ އަލީ އެވެ. ބޭރުގައި އޭނާއަށް ތަރުހީބު ދޭން އެންމެ ގާތުގައި އެހުރީ ދީމާގެ ބައްޕަ އަބްދުލް ސައްތާރު އަލީ އެވެ. މިއީ ދީމާއަށް ލިބޭ ކޮންމެ ކާމިޔާބީއަކާ އެކު ވެސް ފެންނަ މަންޒަރެކެވެ.
ކޮންމެ މަންމައަކާއި ބައްޕައެއް ވެސް އެމީހުންގެ ދަރިންނަށްޓަކައި އެތައް ހުވަފެނެއް ދެކޭނެ އެވެ. އެ ކުދިންނާ މެދު ފޮނި އުއްމީދުތަކެއް ކުރެވޭނެ އެވެ. އެގޮތުން އަބްދުލް ސައްތާރު އަލީއާއި ވަހީދާގެ ދަރިފުޅު ދީމާއަށްޓަކައި ވެސް އެ ދެމީހުން ހުވަފެންތަކެއް ދެކުނެވެ. އެ ހުވަފެންތަކުގައި ދީމާ އެ އަންނަނީ ކުލަ ޖައްސައިދެމުންނެވެ.
"ހުރިހާ"އަށް ދިން ހާއްސަ އިންޓަވިއުއެއްގައި ދީމާގެ މަންމަ ބުނީ އެންމެ ހަނގު އުުމުރުގައި ވެސް ދީމާއަކީ ކުޅިވަރަށް ލޯބިކުރި ކުއްޖެއް ކަމަށެވެ. ބައްޕައާއެކު ކުޅެން އުޅުމުގައި ވެސް ދީމާ ބޭނުންވީ ކުޅިވަރު ކުޅޭށެވެ. އެހެން ނަަމަވެސް އޭރު ދީމާގެ ވަކި ހާއްސަ ހުނަރެއް ހުންނަކަން ފާހަގަ ނުކުރެވޭ ކަމަށް އޭނާގެ މަންމަ ބުންޏެވެ.
މިވަގުތު ރާއްޖޭގައި ތިބި ނަމަވެސް އާއިލާއާއެކު ލަންކާގައި ދިރިއުޅެމުން އަންނަ ދީމާއަށް ޓީޓީގެ ތެރެއަށް ވަދެވުނީ 2013 ވަނަ އަހަރު ސްކޫލުގެ އިތުރު ހަރަކާތެއްގެ ގޮތުގައި ކުޅިވަރެއްގައި ބައިވެރިވާން ޖެހުނު ހިސާބުންނެވެ. ބެޑްމިންޓަން ކުޅެން ޚިޔާރު ކުރި ނަމަވެސް އިސްކޮޅުން ކުރުވުމުގެ ސަބަބުން އެކުޅިވަރުގައި އޭނާއަށް ކުރިއަށް ނުދެވުނު ނަމަވެސް ދެވަނަ ހޮވުމެއްގެ ގޮތުގައި ޓީޓީ އިހްތިޔާރުކުރީ އެ ކުޅިވަރުން އޭނާއަށް ލިބިގެންދާނެ ކާމިޔާބީތައް ހިތަށް ވެސް ނާރުވަ އެވެ.
"އަސްލު ދިޔައީ ބެޑްމިންޓަން ކުޅެން، އެކަމަކު އިސްކޮޅުން ކުރުވީމަ ކޯޗު ބުނީ ދެން އަންނަ އަހަރު އަންނަން. އެހެންވެ ޓޭބަލް ޓެނިސް ކުޅެން ފެށީ،" ދީމާގެ މަންމަ ވަހީދާ ބުންޏެވެ.
އިތުރު ހަރަކާތްތެއްގެ ގޮތުގައި ޓީޓީ ކުޅެމުން އައި ހަތަރު އަހަރެއްހާ ދުވަހު އޭނާ ކުޅުނު ހުރިހާ މުބާރާތަކުން ހެން ރަންވަނަތަކެއް ދީމާ ހާސިލް ކުރި އެވެ. އެހާ ހަގު އުމުރެއްގައި ދީމާ ދައްކަމުން ދިޔަ ކުޅުމަށް ގިނަ ކޯޗުން ތަކެއްގެ ތައުރީފު ލިބުނުއިރު މި ކުޅިވަރުގައި އޭނާގެ ކުރިމަގު ވަރަށް އުޖާލާވާނެ ކަމަށް އޭރު ވެސް އެ ކޯޗުން ބުނަމުން ދިޔަ އެވެ.
"ކޯޗުން ވެސް ވަރަށް ފާހަގަ ކުރާނެ ދީމާގެ ހުނަރު. ބުނާނެ މުސްތަގްބަލް ވަރަށް ރަނގަޅުވާނެއޭ،" ވަހީދާ ބުންޏެވެ.
މި ހުނަރު ފާހަގަކޮށް ދީމާގެ މައިންބަފައިން ދިޔައީ އޭނާގެ ހުނަރު ތަރައްގީ ކުރަން ކުރެވުނު ހުރިހާ ކަމެއް ކުރަމުންނެވެ. ސްކޫލު ބަންދުތަކުގައި އެކި ގައުމުތަކުން ވެސް ދީމާއަށް ތަމްރީނު ހޯދައިދިނުމަށް އެދެމަފިރިން މަސައްކަތް ކުރި އެވެ. އެ ހުރިހާ މަސައްކަތެއް ދީމާ ބަލައިގަތީ މައިންބަފައިންނަށް އޮތް އިތުބާރާއެކު އެއްވެސް ސުވާލެއް ނެތި އެެވެ.
ސްކޫލު ފެންވަރުގައި ކާމިޔާބީތައް ހޯދަމުން އައިސް ބައިނަލްއަގްވާމީ ފެންވަރުގައި ދިވެހި ރާއްޖެ ތަމުސީލުކުރަން ދީމާއަށް ފުރަަތަމަ ފުރުސަތު ލިބުނީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕްގެ އަންހެން ބައިގެ ތިންވަނަ ޑިވިޒަންގަ އެވެ. ސީނިއާ ޓޭބަލް ޓެނިސް ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު އުމުރުން އެންމެ 10 އަހަރުގައި ދީމާ އެ މުބާރާތުގައި ބައިވެރިވީ މުޅި މުބާރާތުގައި ވެސް ބައިވެރިވި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.
އޭގެ ފަހުން މި ފާއިތުވީ ހަތަރު އަހަރު ދުވަހު ދީމާވަނީ ޓޭބަލް ޓެނިސްއިން ދިވެހިން ފަޚުރުވެރިވާ ފަދަ ރަންވަނަ ތަކެއް ހޯދާފަ އެވެ.
އޭގެ ތެރޭގައި:
- ވޯލްޑް ޗެމްޕިއަންޝިޕް 2018
- ސައުތު އޭޝިއްން ރީޖަނަލް ހޯޕްސް ޗެލެންޖު 2019 - ރަން މެޑަލް
- އޭޝިއަން ހޯޕްސް ޗެލެންޖް 2018 - ރިހި މެޑަލް
- ތައިލެންޑް ޓީޓީއެފް ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕް 2018 - ބްރޮންޒް މެޑަލް
- ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕްް 2018 - ރިހި މެޑަލް
- ގައުމީ ޗެމްޕިއަންޝިޕް - 2018/2019
- ސައުތު އޭޝިއަން ގޭމްސް 2019 - ބްރޮންޒް މެޑަލް
- އިންޑިއަނުް އޯޝަން އަައިލެންޑް ގޭމްސް 2019 - 3 ރަން މެޑަލް
- ތައިލެންޑް ޗޮމްބުރި ޗެމްޕިއަންޝިޕް 2020 - ރިހި މެޑަލް
- އޯލް ތައިލެންޑް ޗެމްޕިއަންޝިޕް 2022 - ރަން މެޑަލް
- ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޗެމްޕިއަންޝިޕް 2022 - ރިހި މެޑަލް
މީގެ އިތުރުން ވެސް ދީމާއަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2021 ވަނަ އަހަރު އިންޓަނޭޝަނަލް ޓޭބަލް ޓެނިސް އެސޯސިއޭޝަންއިން އާއްމުކުރި ދުނިޔޭގެ ގަދަ 10ގެ 8ވަނަ ލިބުމެވެ. މިއީ އެއްވެސް ކުޅިވަރަކުން ދުނިޔޭގެ ގަދަ 10ގައި ދިވެހި ކުޅުންތެރިއަކު ހިމެނުނު ފުރަތަމަ ފަހަރެވެ.
"ވަރަށް އުފާވޭ އަޅުގަނޑަށް ގައުމު ތަމްސީލު ކުރަން ލިބޭތީ. ގައުމު ތަމްސީލު ކުރުމަކީ އަޅުގަނޑަށް ލިބޭ ޝަރަފެއް. އުއްމީދަކީ އަދިވެސް އިތުރު ކާމިޔާބީތައް ހޯދުން،" ދީމާ ބުންޏެވެ.
ދީމާގެ ހުނަރާއި ކާމިޔާބީތައް ފާހަގަކޮށް ރާއްޖޭގެ ޓީޓީ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު އޭނާއަށް ވަނީ އޮލިމްޕިކް ސްކޮލާޝިޕެއް ލިބިފަ އެވެ. މި ސްކޮލާޝިޕްގެ ދަށުން އޭނާ ވަނީ ބެންކޮކްގައި ވެސް ތަމްރީނުތައް ހަދާފަ އެވެ.
ކުޅިވަރުގެ އިތުރުން ކިޔެވުމުގައި ވެސް ދީމާއަކީ ފާހަގަކޮށްލެވޭ ކުއްޖެކެވެ. ލަންކާގައި ސްކޫލަށް ދިޔަ ދުވަސްވަރު ވެސް އަދި މިހާރު އޮންލައިންކޮށް ގްރޭޑް 9ގައި ކިޔަވަމުން ކެމްބްރިޖް އިމްތިހާނަށް ތައްޔާރު ވަމުން އަންނައިރު ވެސް ކިޔެވުން ވެފައިވަނީ އޭނާ ވަރަށް ކުރާ ހިތުން ކުރާ ކަމަކަށެވެ.
ދީމާގެ މަންމަ ބުނި ގޮތުގައި އޭނާއަކީ ޓީޗަރުންގެ ބަސްއަހާ ކުލާހުގައި އަބަދުވެސް ވަރަށް ފަރުވާތެރިވެގެން އިންނަ ކުއްޖެކެވެ. ޓީޗަރުން ލޯބިވާ މަޑުމައިތިރި ކުއްޖެކެވެ.
ގޭގައި އުޅޭ އުޅުމުގައި ވެސް ދީމާއަކީ މަޑުމައިތިރި ލަދުރަކި މިޒާޖެއްގެ ކުއްޖެއް ކަމަށް ވަހީދާ ބުންޏެވެ. އެންމެ ކުދި ކުދި ކަންކަމުގައި ވެސް ދީމާއަކީ މައިންބަފައިންގެ ލަފާ ހޯދާ ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައި ވަހީދާ ފާހަގަކުރި އެެވެ.
"ދުވާލު ޓްރެއިނިންގަ އުޅެފަ ރޭގަނޑު ކިޔަވަނީ. މިހާރު އޮންލައިންކޮށް ކިޔަވާއިރު މެނޭޖް ކުރެވޭ،" ކުޅިވަރާއި ކިޔެވުމަށް ވަގުތު ހުސްކުރަނީ ކިހިނެއްތޯ އަހާލުމުން ދީމާ ބުންޏެވެ.
އެކައުންޓިންގެ ރޮނގުން ކުރިއަށް ދާން އަޒުމު ކަނޑައަޅައިގެން ހުރި ދީމާ ހުރީ އަދިވެސް ޓީޓީއިން ކުރިއަށް ދާށެވެ. ރާއްޖޭގެ ސީނިއާ ޓީމަށް ކުޅެދިނުމުގައި ކުރިއަށް އޮތް އަހަރުތަކުގައި ވެސް ދެމިހުންނާށެވެ.
އެއާއެކު އޭނާގެ މައިންބަފައިން ވެސް ތިބީ ދީމާގެ އަތުގައި ހިފައިގެން އޭނާއާއެކު ކުރިއަށްދާށެވެ. މި ރޮނގުން ދެވުނު އެންމެ ދުރަކަށް ދަރިފުޅު ގެންގޮސްދޭށެވެ.
"ބޭނުންވަނީ ވީހާވެސް ކުރިއަކަށް ގެންދަން. އެކަމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކޮށްގެން،" ވަހީދާ ބުންޏެވެ.
މިހާތަނަށް ދީމާއަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާއިރު ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާނެކަން ޔަގީނެވެ. އެގޮތުން ދީމާ އޭނާގެ މައިންބަފައިންގެ ނަން ފާހަގަ ކުރީ ޝުކުރުވެރިކަމާއެކީގަ އެވެ.
"މަންމައާއި ބައްޕަގެ އިތުރުން ޓޭބަލް ޓެނިސް އެސޯސިއޭޝަންއާއި ސަރުކާރަށްވެސް ޝުކުރު އަދާކުރަން،" ދީމާ ބުންޏެވެ.
އެއާއެކު ކުޅިވަރުގެ ވަޒީރު އަހްމަދު މަހުލޫފް ދީމާއަށް ކެނޑިނޭޅި ދެއްވަމުން އަންނަ ހިތްވަރާއި އެއްބާރުލުމަށްޓަކައި އެބޭފުޅާގެ ނަން ޝުކުރުގެ ލިސްޓުގައި ހާއްސަކޮށް ފާހަގަ ކޮށްލަން ދީމާއާއި އޭނާގެ އާއިލާއިން އެދުނެވެ. އެއީ ތެދެކެވެ. ދީމާގެ ކާމިޔާބީގައި އެންމެ އިސް ދައުރެއް އަދާކުރީ އޭނާގެ މަންމަ އާއި ބައްޕަ އެވެ. ދަރިފުުޅުގެ ކުރިމަގަށްޓަކައި އެ ދެމީހުން ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެއީ ރާއްޖޭގެ އަރަމުން އަންނަ ތަރިންގެ މައިންބަފައިންނަށް ހުރި މިސާލެކެވެ. ތިޔަ ދެމަފިރިންނަށް ސާބަހެވެ.
ހަމަ ޔަގީނުންވެސް ދީމާއަކީ ޓޭބަލް ޓެނިހުގެ އުދަރެހުގައި ވިދާ އަލިގަދަ ދިވެހި ތަރި އެކެވެ. ދިވެހި ގައުމަށް ފަޚްރު ހޯދައިދެމުން އަންނަ ދިވެހި ދަރި އެކެވެ. "ހުރިހާ"އިން އެދެނީ ދީމާއަށް އިތުރު ކާމިޔާބީ އަށެވެ. އަދަށް ވުރެ އުފާވެރި މާދަމާ އަކަށެވެ.