ބޮލީވުޑްގައި 90ގެ އަހަރުތަކުގައި ގިނަ ބައެއްްގެ ހިތްތަކުގައި ވެރިކަން ކުރި ފަންނާނު ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ކައިވެނިކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މިއަހަރުގެ ފަހުކޮޅު އެ ދެމީހުން ކައިވެނި ކުރާނެ ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފައިވާއިރު، އެކަމާ ގުޅިގެން ސުނިލް ނުވަތަ އާއިލާގެ ފަރާތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ. ނަމަވެސް ދާދި ފަހުން ސުނިލް ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ހަބަރުތަކާ ގުޅިގެން ވާހަކަދައްކައިފަ އެވެ.

އާތިޔާއަކީ އޭނާގެ އަންހެން ދަރިފުޅު ކަމަށާއި، އޭނާ ކައިވެންޏަށް ވާންޖެހޭ ތައްޔާރީތައްވަމުން ދާނެ ކަމަށް ސުނިލް ބުންޏެވެ. އަދި އާތިޔާގެ އިތުރުން ސުނިލްގެ ފިރިހެން ދަރިފުޅު ވެސް އަވަހަށް ކައިވެނިކުރާނެ ދުވަހަކަށް އިންތިޒާރުކުރަމުން ގެންދާ ކަމަށް ސުނިލް ބުނެފައިވެ އެވެ.

އާތިޔާ ކައިވެނިކުރަނީ އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔަކާ އެވެ.

އިންޑީއާގެ ރިޕޯޓުތައް ބުނާގޮތުން މިހާރު އާތިޔާ އާއި އޭނާގެ ލޯބިވެރިޔާ ކައްނޯރް ލޯކޭޝް ރާހުލް ދަނީ ކައިވެނީގެ ހުރިހާ ކަމެއް ރާވަމުންނެވެ.

އާތިޔާ އާއި ރާހުލްގެ ލޯބީގެ ގޮތުން ގުޅިފައިވާކަމަކީ އިންޑަސްޓްރީގެ ގިނަ ބަޔަކަށް އެނގޭ ކަމެކެވެ.

ދެ މީހުންގެ ފޮޓޯ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާއިރު، އެ ދެމީހުން ވެސް މިއަހަރު ފަހުކޮޅު ކައިވެނިކުރާނެ ކަމަށް އިންޑިއާގެ ރިޕޯޓުތަކުން ބުނެ އެވެ. އަދި ކައިވެނި ކުރާނީ ސައުތު އިންޑިއާގެ ސަގާފަތާ އެއްގޮތަށް ކަަމަށް ވެސް މީޑިއާތަކުން ބުނެ އެވެ.