ކޮލަމްބޯ (13 މެއި) - ސްރީލަންކާގެ އާ ބޮޑުވަޒީރަކަށް ޔުނައިޓެޑް ނެޝަނަލް ޕާޓީގެ ލީޑަރު ރަނިލް ވިކްރަމަސިންގެ އައްޔަންކޮށްފި އެވެ.

ޕާލިމެންޓުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއީދާއެކު ރަނިލް އިއްޔެ މަގާމުގެ ހުވާކުރެއްވިއިރު އޭނާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލައްވަން ޖެހިފަަ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން މިހާރު ވެސް ކުރައްވަމުން އަންނަ ރަނިލްއަކީ މީގެ ކުރިން ވެސް ފަސް ފަހަރެއްގެ މަތިން ސްރީލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން 1994-1993 އާއި 2004-2001 އާއި 2015 އާއި 2018-2015ގެ އިތުރުން 2019-2018އަށް ރަނިލް ވަނީ ބޮޑުވަޒީރުކަން ކުރައްވާފަ އެވެ.

ޔުނައިޓަޑް ނެޝަނަލް ޕާޓީގެ ލީޑަރުކަން 1994 ވަނަ އަހަރުން ފެށިގެން ކުރައްވަމުން އަންނައިރު ރަނިލް ވަނީ ދެފަހަރެއްގެ މަތިން މައި އިދިކޮޅު ލީޑަރުކަން ވެސް ކުރައްވާފަ އެވެ.

ރަނިލް ބޮޑުވަޒީރުކަމަށް އައްޔަން ކުރައްވާފައި މިވަނީ ލަންކާގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ރަނިލް މަގާމަށް އައްޔަން ކުރެވުމާއެކު މަހިންދަވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ. -- ނިއުސް ވަޔާ