މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ޓިކްޓޮކުން މަގްބޫލުކަން ހޯދި، ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) މަސްތުވާތަކެތި ހުރި ކޮތަޅު ގެއެއްގެ ފުރާޅުމައްޗަށް އެއްލައިލި ކަމަށް ރޫމީ ފުލުހުން ގާތު އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނީ ޕްރިޓީ ރޫމީގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި މުއްދަތު މަޖިލީހުގަ އެވެ.

މިދިޔަ ބުދަ ދުވަހު ރޫމީ ދިރިއުޅޭ ހ. ބްލޫބާޑްގެ ފުލުހުން ބަލައި ފާސްކުރީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގަ އެވެ.

އުމުރުން 45 އަހަރުގެ ރޫމީއާ އެކު އޭނާގެ ފިރިމީހާ އުމުރުން 49 އަހަރުގެ މުހައްމަދު ނަސީމް ވެސް ހައްޔަރުކުރި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާގޮތުން ރޫމީ ވަނީ ފުލުހުން ގެއެއްގެ ފުރާޅުމަތިން ހޯދި މަސްތުވާތަކެތި ހުރި ކޮތަޅަކީ އޭނާގެ ފިރިމީހާގެ އެއްޗެއް ކަމަށް ފުލުހުން ގާތު ބުނެފަ އެވެ. ރޫމީ ވަނީ އެ ކޮތަޅު އެތަނަށް އެއްލައިލީ އޭނާ ކަމަށް ފުލުހުން ގާތު އެއްބަސްވެފަ އެވެ.

ދިފާއީ ވަކީލުން މުއްދަތު މަޖިލީހުގައި ވިދާޅުވީ ކޯޓް އަމުރު ހޯދާފައި އޮތީ ބްލޫބާޑްގެ ފާސްކުރަން ކަމަށާއި ނަމަވެސް ފާސްކޮށްފައިވަނީ ނުވިލާމަންޒިލް ކަމަށެވެ. އެހެންކަމުން އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވަކީލުން ފާހަގަކުރެއެވެ.

ބްލޫބާޑް ގެއިން ވެސް އަދި ދެ މީހުންގެ އަތުން ވެސް މަސްތުވާ އެއްޗެއް ނުފެންނަ ކަމަށް އެ ދެ މީހުން މުއްދަތު މަޖިލީހުގައި ބުންޏެވެ.

މަސްތުވާތަކެތި ފެނުނީ މާ ދުރުގައި ހުރި ގެއެއްގައި އޮތް ކޮތަޅަކުން ކަމަށްވުމުން އެއީ އެ ދެ މީހުންނާ ގުޅުން އޮތް އެއްޗެއް ނޫން ކަމަށް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

ރޫމީގެ ދިފާއުގައި ވަކީލުން ވިދާޅުވީ މަސްތުވާތަކެތި ހުރި ކޮތަޅު ރޫމީ އެއްލާލިތަން އެއްވެސް ފުލުހަކަށް ފެނިފައިނުވާ ކަމަށެވެ. ކްރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދަށް ދިނީ ތިން ދުވަހެވެ. އެއީ ކޮންމެވެސް ވަރަކަށް ހެކި ހުރި ކަމަށްވާތީ އެވެ.