ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާންގެ ހަގު ފިރިހެން ކޮއްކޮ ސުހައިލް ޚާންގެ 24 އަހަރުވީ ކައިވެނި ރޫޅާލުމަށް ކޯޓަށް ހުށައަޅައިފި އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ބުނެފައިވަނީ ބޮލީވުޑްގެ ތަރި ސުހައިލް ޚާނާއި އޭނާގެ އަންހެނުން ސީމާ ޚާން ވަރިވާން މިމަހުގެ 14 ވަނަ ދުވަހު ކޯޓަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

މި ދެމަފިރިން މުމްބާއީގެ ފެމިލީ ކޯޓުން ނުކުންނަތަން ޕަޕަރާޒީންނަށް ވަނީ ފެނިގެން ގޮސްފަ އެވެ.

އެހެން ނަމަވެސް މިކަމާއި ބެހޭ ގޮތުން އެދެމީހުން އަދި ވަކިއެއްޗެއް ހާމަކޮށްފައިނުވެ އެވެ.

އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ސުހައިލް އާއި ސީމާ އަށް ދެ ކުދިން ލިބިފައިވެ އެވެ. އެއީ ނިރުވާން ޚާން، 21، އާއި ޔޯހަން ޚާން، 11، އެވެ.

ސުހައިލާއި ސީމާ ވަރިވާން ނިންމި އިރު، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ބަތަލާ ހުމާ ގްރޭޝީ އާއި ސުހައިލާ ދެމެދު ހާއްސަ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.