ހޮލީވުޑްގައި އެންމެ ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެމްބާ ހާޑް އާއި ޖޯނީ ޑެޕްގެ ކޯޓު މައްސަލަ ހިމެނެ އެވެ.

އެ މައްސަލައިގައި ޖޯނީ އާއި އެމްބާ ވަނީ އެކަކު އަނެކަކަމަށް ގެވެށި އަނިޔާކުރި ކަަމަށް ދައުވާކޮށްފަ އެވެ.

އެގޮތުން ޖޯނީ ޑެޕް، އެމްބާއަށް ޖިސްމާނީ އަދި ޖިންސީ ގޮތުން އަނިޔާކުރި ކަމަށް ސޯޝަލް މީޑިއާގައި ފެތުރި ހަބަރުތަކާ ގުޅިގެން ޖޯނީ ވަނީ އެ މައްސަލަ ކޯޓަށް ހުށަހަޅާފަ އެވެ.

އެގޮތުން އެމްބާއަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލްމީޑިއާގައި ދޮގު ހަބަރު ފެތުރުމުން އޭގެ އަސަރު ޖޯނީގެ ކެރިއަރަށް ކޮށްފައިވާތީ، ޖޯނީ ވަނީ އެމްބާގެ މައްޗަށް 50 މިލިއަން ޑޮލަރުގެ ބަދަލު ހޯދައިދިނުމަށް އެދި މައްސަލަ ހުށަހަޅާފަ އެވެ.

މި މައްސަލައިގައި މިހާތަނަށް އެމްބާ ހާޑްގެ ގިނަ ސިއްރުތަކެއް ފަޅާއަރައި އާންމުންގެ ތެރޭގައި އޭނާ ބޭޒާރުވެފައިވާއިރު، ގިނަ މީހުން ވަނީ ޖޯނީއާ އެއްކޮޅަށް އަޑު އުފުލާފަ އެވެ.

މައްސަލަ ގޯސްވެ އެކަކު އަނެކަމަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވާއިރު، މައްސަލަ ނިމޭނީ ކޮން ކޮޅަކަށްތޯ ބެލުމަށް ގިނަ ބަޔަކު ދަނީ އިންތިޒާރުކުރަމުންނެވެ.

މި މައްސަލައިގައި ޖޯނީއަށް ކާމިޔާބީ ލިބިއްޖެނަމަ އޭނާއަށް ހައްގުވާ 50 މިލިއަން ޑޮލަރު ދިނުމަށް ކޯޓުން ހުކުމް ކުރާނެ އެވެ. ހަމައެހެންމެ އެމްބާއަށް ފިލްމީ ދާއިރާގައި ބްލެކް ލިސްޓު ކުރެވިގެންދާނެ އެވެ.

އެމްބާ ދައްކާ ވާހަކަތައް އެއްގޮތަކަށް ވެސް ދިމާނުވާ ކަމަށާއި، އޭނާ ވާހަކަ ދައްކާއިރު، މޫނާއި އަތަށް ގެންނަ ހަރަކާތްތަކުން އޭނާގެ ދެއްކުންތެރިކަން ފާޅުވާކަމަށް އާންމުން ބުނަމުންދެ އެވެ.

އާންމުން މިހާރު ވަނީ އެމްބާ ކޯޓުގައި ދައްކާ ވާހަކަތަކަށް ވީޑިއޯ ކުޅެ، ޓިކްޓޮކްވެސް ކުޅެން ފަށާފަ އެވެ. ހަމައެހެންމެ ގިނަ ބަޔަކު ދަނީ ޖޯނީ އަށް ސަޕޯޓުކޮށް އޭނާއަށް ހަމްދަރުދީ ވަމުންނެވެ.