މިދިޔަ މާޗް މަހުގެ ތެރޭގައި ވެނެޒުއޭލާގެ ޓޭންކަރެއް ރާއްޖެ ސަރަހައްދަށް ދަތުރުކޮށް، އީރާނުގެ ދިދަ ޖަހާފައިވާ އުޅަނދަކާ ބައްދަލުކޮށް، އީރާނުގެ ތެޔޮ ހިފައިގެން އެ ގައުމަށް ދަތުރުކޮށްފައިވާ ކަމަށް މޮނިޓަރިން ސާވިސަސް އާއި ޝިޕިން ޑޮކިއުމެންޓްތަކުން ދައްކައިފި ކަމަށް ރޮއިޓާސް ނިއުސް އެޖެންސީން ބުނެފި އެވެ.
ރޮއިޓާސް އިން ބުނިގޮތުގައި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި އީރާނާއި ވެނެޒުއޭލާއާ ދެ ގައުމުގެ ތެޔޮ ބާޒާރުތަކަށް ގެންދިއުމަށް ހުރަސްތަކަކާ ކުރިމަތިވެފައިވާތީ ދެ ގައުމުން ވެސް އެންމެ ފަހުން ބޭނުންކުރި އުކުޅަކީ ރާއްޖެ ސަރަހައްދަށް ގޮސް އެއް ބޯޓުން އަނެއް ބޯޓަށް ތެޔޮ ބަދަލުކުރުމެވެ.
ދެ ގައުމުގެ ދެމެދުގައި ހަކަތައިގެ ވިޔަފާރި ފުޅާވުމުން، ނަގުދު ފައިސާއިން ވިޔަފާރިކުރުމުގެ ބަދަލުގައި ވެނެޒުއޭލާއަށް ބޭނުންވާ ސާމާނު ހޯދުމުގައި އެހީތެރިވެދެނީ އެ ގައުމުގެ އެކްސްޓްރާ ހެވީ އޮއިލް ދީގެން މުދާ އެތެރެ ކުރުމަށެވެ.
އީރާނުގެ ތެލުގެ ވަޒީރު ޖަވާދު އޯޖީ އާއި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯއާ ބައްދަލުކުރެއްވިއިރު، ވެނެޒުއޭލާގެ ތެޔޮ ކުންފުނި ޕީޑީވީއެސްއޭއަށް އެތެރެކުރާ ކޮންޑެނާސްޓް އަދި ކްރޫޑް އެކްސްޕޯޓް ކުރާ އީރާނުގެ ބޮޑު ދެ ޓޭންކަރު ވެނެޒުއޭލާގެ ކަނޑުގެ ސަރަހައްދުގައި ތިއްބެވެ.
އިރާނުން ވަނީ 2020 ވަނަ އަހަރުން ފެށިގެން، ވެނެޒުއޭލާ ޕީޑީވީއެސްއޭގެ ވީރާނާވެފައިވާ ރިފައިނަރީތައް މަރާމާތުކުރުމަށް ބޭނުންވާ ޕެޓްރޯލާއި އާލާތްތައް ފޮނުވައިގެން ވެސް އެހީތެރިވެދީފަ އެވެ. އަދި އެއް ޕްލާންޓް މި މަހު އަލުން ބޭނުންކުރަން ފަށަނީ ދިގު މުއްދަތެއްގެ މަރާމާތަކަށް ފަހު އެވެ.
ޕީޑީވީއެސްއޭގެ މެރިޓައިމް އާމް، ޕީޑީވީ މެރީނާ އިން އޮޕަރޭޓްކުރާ ވެނެޒުއޭލާގެ ޓޭންކަރު މެކްސިމޯ ގޯރްކީއަކީ ދަރަނީގެ މައްސަލައެއްގެ ތެރޭގައި އޮތްވައި، 2020 ވަނަ އަހަރު ޕެޓްރޯޗައިނާ ކޯ އަށް އިތުރު ތިން މީހަކު ގެއްލުނު ފަހުން، ދެކުނު އެމެރިކާގެ ގައުމުތަކުން ފުރައިގެން ދިޔަ ހަމައެކަނި ސުޕަޓޭންކަރެވެ.
މި ޓޭންކަރު އެންމެ ގިނައިން ބޭނުން ކުރަނީ އެތެރޭގެ ބަނދަރުތަކާ ދެމެދު ޕީޑީވީއެސްއޭގެ ތެޔޮ ގެންދިޔުމަށް ކަމަށްވީ ނަމަވެސް، 2019 ވަނަ އަހަރު ވޮޝިންޓަން އިން ވެނެޒުއޭލާގެ ތެލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ފަހުން އެ ޓޭންކަރު ވަނީ އޭޝިއާ އަށް ވެސް ސާފު ނުކުރާ ތެޔޮ ގެންގޮސްފަ އެވެ.
މިއަހަރުގެ ކުރީކޮޅު ޕީޑީވީ މެރީނާއަށް ވަނީ މެކޭނިކަލް މައްސަލަތަކެއް ކުރިމަތިވެ އެތައް ހަފުތާއެއް ވަންދެން ތާށިވެފައި އޮތް މެކްސިމޯ ގޯރްކީ ސަލާމަތް ކުރުމަށް ރިޕްލޭސްމަންޓް ކްރޫއެއް ޗައިނާއަށް ފޮނުވަން ޖެހިފައިވެ އެވެ.
މިދިޔަ މާޗް މަހު ޓޭންކަރުން ވަނީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ވެނެޒުއޭލާގެ ހެވީ ކްރޫޑްގެ ކާގޯއެއް ބަދަލުކުރުމުގެ މަސައްކަތް ނިންމާލާފައި ކަމަށް އެ ބޯޓުތައް ދެނެގަތުމަށް ސެޓެލައިޓް ފޮޓޯތައް ބޭނުންކުރި މޮނިޓަރިން ސާވިސްއެއް ކަމަށްވާ ޓޭންކާ ޓްރެކާސް ޑޮޓްކޮމް އިން ބުންޏެވެ.
އޭގެ ދުވަސްތަކެއް ފަހުން މެކްސިމޯ ގޯރްކީ އީރާނުގެ ކޮންޑެނާސްޓް އުފުލި ކަމަށާއި، އެ ކޮންޑެނާސްޓް ވެސް އުފުލީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގެ 37 ނޯޓިކަލް މޭލު ބޭރުން، އީރާން ގައުމީ ޓޭންކަރު ކުންފުނި (އެންއައިޓީސީ)ގެ ބިޔަ ބޯޓެއް ކަމަށްވާ ވީއެލްސީސީ އިން ފުރައިގެން، ޝިޕް-ޓު-ޝިޕް (އެސްޓީއެސް) މެދުވެރިކޮށް ކަމަށް ޓޭންކާ ޓްރެކާސް ޑޮޓްކޮމް އިން ބުންޏެވެ.
ރޮއިޓާސްއިން ބުނީ އެ ނިއުސް އެޖެންސީއަށް އެ އުޅަނދުތަކުގެ އައިޑެންޓިޓީތައް މިނިވަން ކަމާއެކު ކަށަވަރު ކުރެވޭ ގޮތެއް ނުވި ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ޕީޑީވީއެސްއޭ އާއި އެންއައިޓީސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްތަކަށް ޖަވާބެއް ނުލިބުނު ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.
ރޮއިޓާސް އިން ބުނީ މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވާ ކަމަށެވެ. އެސްޓީއެސް ޓްރާންސްފާ ނުވަތަ އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކުރުމުގެ މުއާމަލާތް ހިނގާފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައި ރޮއިޓާސް އިން ބުންޏެވެ.
ރާއްޖެ ސަރަހައްދުގައި އެސްޓީއެސް އެކްސްޗޭންޖަކީ ވެނެޒުއޭލާއަށް އާ އެކްސްޗޭންޖެއް ނަމަވެސް އީރާނުން ވަނީ ރާއްޖެ ކައިރީގައި އޮންނަ ކަނޑުގެ ސަރަހައްދުގައި މީގެ ކުރިން މަދުވެގެން އެއް އެކްސްޗޭންޖް ކުރިއަށް ގެންގޮސްފައި ކަމަށް އީރާނާ ގުޅުން ހުރި ޓޭންކަރު ޓްރެފިކް މޮނިޓާ ކުރާ އެޑްވޮކަސީ ގްރޫޕެއް ކަމަށްވާ ޔުނައިޓެޑް އެގެއިންސްޓް ނިއުކްލިއާ އީރާން (ޔޫއޭއެންއައި) އިން ބުންޏެވެ.
ޔޫއޭއެންއައިގެ ޗީފް އޮފް ސްޓާފް ކްލެއަ ޖުންގްމަން ވިދާޅުވީ، މެކްސިމޯ ގޯރް ވެނެޒުއޭލާއާ ދިމާއަށް ދަތުރު ކުރަމުން ގެންދިޔައިރު، އީރާނުން އެންއައިޓީސީގެ ޓޭންކަރެއް ފޮނުވައިގެން ރާއްޖެ ކައިރީގައި އެ ޓޭންކަރުން ބަދަލުކޮށްފައިވާ ކަމަށެވެ.
"މި ލޮކޭޝަނަކީ ސްޓްރެޓެޖިކް ގޮތުން އީރާނަށް ވަރަށް ފަސޭހަ ތަނެއް، އީރާނުގެ ޓޭންކަރުތައް ޚުރު ފަކާން އިން މާލެ އައުމަށް ގާތްގަނޑަކަށް ފަސް ދުވަސް ނަގާނީ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފްތާގައި ވެނެޒުއޭލާގައި ބަނދަރުކުރި މި ސުޕަޓޭންކަރު ވަނީ އީރާނުގެ ކޮންޑެނާސްޓްގެ ދެ މިލިއަން ފީފާގެ ކާގޯގެ ބައެއް ޑިސްޗާޖުކޮށްފަ އެވެ. އޭގެ ފަހުން އީރާނުގެ ބޯޓުތައް ކަމަށްވާ ޑީނޯ އައި އާއި ޑެރިއާ، އިން ވެސް ވަނީ ސާފުނުކުރާ ތެޔޮ ގެނެސްދީފަ އެވެ. ދެ ގައުމުގެ ތެޔޮ ކުންފުނިތަކުން މިދިޔަ އަހަރު ސޮއިކުރި ސްވޮޕް އެއްބަސްވުމުގެ ދަށުން އީރާނުގެ ސާފުނުކުރާ ތެޔޮ އަދި ކޮންޑެނާސްޓް ގެނެސްދިން އީރާނުގެ ބޯޓުތައް އައިތާ ދުވަސްތަކެއް ނުވަނީސް އެވެ.
އަދި މި މަހު މަދުވެގެން އިތުރު ދެ މިލިއަން ފީފާގެ އީރާނުގެ ތެލާއި އިތުރު އެއް މިލިއަން ބެރެލްގެ ކޮންޑެނާސްޓް އެތެރެކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ކާގޯ ޝެޑިއުލް ކުރުމުގައި ހަރަކާތްތެރިވާ ފަރާތަކުން ބުނި ގޮތުގައި ޕީޑީވީއެސްއޭ އިން ރާވާފައި ވަނީ އޭގެ ބަދަލުގައި އީރާނުގެ ނެޝަނަލް އީރާން އޮއިލް ކުންފުންޏަށް ސާފު ނުކުރާ އަދި ސާފުކޮށްފައިވާ ތެޔޮ ފޮނުވުމަށެވެ.
މިކަމާ ގުޅޭ ގޮތުން އެންއައިއޯސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. -- ރޮއިޓާސް