ޝައިތާނީ އެއްޗެހިތަކެއް ކަމަށް ބުނެ އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންހްގެ ގޭގައި ގެންގުޅުނު ލަބޫބޫ ބުދުތަކެއް އަންދާލައިފި އެވެ.
ބާރްތީގެ ޔޫޓިއުބް ޗެނަލްގައި އާއްމުކުރި ވްލޮގްއެއްގައި ބުނެފައިވަނީ ލަބޫބޫ ބުދުގެ ސަބަބުން އޭނާގެ ދަރިފުޅު ގޯލާގެ އުޅުމަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ބުދު ގެއަށް ގެނައި ފަހުން ގޯލާގެ އުޅުން ވަރަށް ގޯސްވެފައިވާ ކަމަށާއި އެ އަންދާލަނީ އޭގެ ސަބަބުން ދަރިފުޅުގެ މިޒާޖަށް ނޭދެވޭ އަސަރު ކުރާތީ ކަމަށް ވެސް ބާރްތީ ބުންޏެވެ.
"އެންމެންވެސް އެބަ ބުނޭ އަހަރެން މިއުޅެނީ ވަސްވާސް ހިތަށް ވައްދައިގެންނޭ. އެކަމަކު މި ރަނގަޅަކަށް ނުވެސް އަނދާ" ބާރްތީ ބުންޏެވެ.
އެ ބުދު އަނދާ އަޅިއަށް ވުމުން އެންމެ ފަހުން ލަބޫބޫ އަންދާލެވިއްޖެ ކަމަށާއި ޝައިތޯނު ނައްތާލެވުނީ ކަަމަށް ވެސް ބާރްތީ ބުނެފައިވެ އެވެ.
ބާރްތީއާއި އޭނާގެ ފިރިމީހާ ހަރްޝް ހިންގާ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އެ ދެމީހުންގެ ދިރިއުޅުމުގެ ކަންކަން ބެލުންތެރިންނާ އަބަދުވެސް ހިއްސާކުރެ އެވެ.