ރާއްޖެއިން އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި ހުޅުމާލޭގެ ބޮޑެތި ބައެއް މަގުތަކުގައިވެސް "އިންޑިއާ އައުޓް" ޖަހާފައިވާ ބޯޑުތައް ހަރުކުރަން ފަށައިފި އެވެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، މާލޭގެ އެކި ގެތަކުގައި އިދިކޮޅުން ވަނީ އިންޑިއާ އައުޓްގެ ޝިޔާރު ލިޔެ ފާރުތަކުގައި ކުރަހައި، ބެނާ ހަރުކޮށްފަ އެވެ. އެގޮތުން މިއީ މާލެ ސަރަހައްދުގައި އިންޑިއާ އައުޓް ޖަހައި ބޯޑު ހަރުކުރި ފުރަތަމަ ފަހަރެވެ.

އިދިކޮޅުން ހިންގާ އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ގަރާރެއް ނެރުއްވާފައިވާއިރު، އިދިކޮޅުން ވަނީ ސްޕެލިން ބަދަލުކޮށް، ބެނާތައް ހަރުކޮށްފަ އެވެ.

އެހެންނަމަވެސް ފަހަކަށް އައިސް ފާރުތަކުގައި ކުރަހައި، އެ ޝިއާރު އާންމުކޮށްފައިވަނީ ސްޕެލިން ބަދަލު ނުކޮށެވެ. އަދި މިފަހަރުވެސް ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ޖަހާފައިވާ އިންޑިއާ އައުޓް ބޯޑުތައް ހުދު ކުލައިގައި ހުންނައިރު، އޭގައި ސްޕެލިން ބަދަލު ނުކޮށް ރަތް ކުލައިން ލިޔެފައިވެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މި ހަރަކާތް ފަށާފައިވާއިރު، ޔާމީން ޖަލުން މިނިވަންވުމަށްފަހު މި ހަރަކާތް ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެގޮތުން ޖަލުން މިނިވަންވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ދިޔައީ އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގެން އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލަމުންނެވެ. ހަމައެހެންމެ، މި ހަރަކާތުގައި ބައިވެރިވެ، ގައުމުގެ ދިފާއުގައި އެންމެހައި ރައްޔިތުން ނިކުތުމަށް އެމަނިކުފާނު ގޮވާލާފައިވެ އެވެ.