މި ސަރުކާރުގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތައް ނުބަލަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކަމުގެ މަންފާ ލިބޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް އާމްދަނީގެގޮތުގައި ލިބޭ ފައިސާއަށް ވާގޮތް އޮޑިޓާ ޖެނެރަލް ބަލަންޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އޮޑިޓާ ޖެނެރަލް ޒިންމާ އަދާނުކުރާނަމަ އެކަން ބަލަންޖެހޭ މުއައްސަސާ ކަމަށްވާ ރައްޔިތުންގެ މަޖިލީސް އޮތީ އޮޅުހިޔާ ފެސިލިޓީއަކަށް ހަދައި ބާރު ކަނޑުވާލާފައި ކަމަށެވެ.

"ސަރުކާރަށް ދެ އަހަރުވެގެން ދާއިރު އެއްވެސް މުއައްސަސާއެއްގެ އޯޑިޓެއް ނުހެދޭ، ކޮބައިތޯ މަޖިލިސް. އެތަން ވެސް އެއޮތީ އޮޅުހިޔާ ފެސިޓިއަކަށް ހަދާ ބާރުތައް ކަނޑުވާލާފައި. ކޮރަޕްޝަންގެ މައްސަލަތައް ނުބެލެނީ މުއިއްޒަށް އެކަމުގެ ފައިދާވާތީ. ކޮރަޕްޝަނަކީ ހުއްޓުވަން ޖެހޭ އެއްޗެއް، ހުއްޓުވޭނެ އެއްޗެއް،" ޔާމީން ވިދާޅުވިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް އޮތީ ރައީސް މުއިއްޒުގެ މުށުތެރޭގައިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އެ މަގާމުގައި ހުރެގެން މި ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ނުބެލޭނެ ކަމަށެވެ. އަދި އެ ކޮމިޝަން އޮތީ ޕެރަލައިޒްވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭސީސީ އަކީ ކޮރަޕްޝަންގެ ކަންތައްތައް ބަލައި ސަރުކާރު ހަމައަކަށް އަޅުވަން އޮތް ތަނެއް އެކަމަކު އެތަންވެސް އޮތީ ޕެރަލައިޒްވެފައި. އޮޑިޓް އޮފީހުންވެސް އޮޑިޓްއެއް ނުކުރޭ، ރައްޔިތުންގެ މަޖިލިސްވެސް ޕެރަލައިޒްޑް. މި ހުރިހާ ކަމަކުން ބެނެފިޝިއަލް ވަނީ މުއިއްޒަށް،" ޔާމީން ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް 400 މިލިއަން ރުފިޔާ ހޯދުމަށް ސަރުކާރުގެ ކުންފުނިތަކަށް ރައީސް މުއިއްޒު އަންގާފައިވާ ކަމަށް ޔާމީން ވަނީ ތުހުމަތު ކުރައްވާފަ އެވެ.