އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު އަކްރަމް އެ ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީގެ މެމްބަރަކު ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އެ ކޮމިޓީގެ ބައްދަލުވުން ބޭއްވި ސިއްރުކޮށްގެނެވެ.

އަކްރަމްގެ މައްޗަށް ބައެއް މީޑިއާތަކުގައި ތުހުމަތުކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތެވެ. ނަމަވެސް އަކްރަމް ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ އެ ޒާތުގެ އެއްވެސް ކަމެއް އޭނާ ކޮށްފައިނުވާނެ ކަމަށެވެ.

އެނގިފައިވާގޮތުގައި އެ މައްސަލަ އިލެކްޝަންސް ކޮމިޝަނުގެ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމިޓީއަށް ވެސް އަދި ފުލުހުންނަށް ވެސް ހުށަހަޅާފައެއް ނުވެ އެވެ.