އަބޫދާބީ (14 މެއި) - ޔޫއޭއީގެ އާ ރައީސަކަށް އެގައުމުގެ ވަލީއަހްދު ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އައްޔަން ކުރެއްވުމަށް އެގައުމުގެ ފެޑެރަލް ސުޕްރީމް ކައުންސިލުން ނިންމައިފި އެވެ.

މުހައްމަދު ބިން ޒައިދު ރައީސްކަމަށް އިސްކުރެވުނީޔ އެ ގައުމުގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހްޔާން އިއްޔެގެ ވަގުތެއްގައި އަވަހާރަވުމާ ގުޅިގެންނެވެ.

މިއާއެކު އުމުރުން 61 އަހަރުފުޅުގެ ޝައިޚް މުހައްމަދު ވެގެންދާނީ ޔޫއޭއީގެ ތިންވަނަ ރައީސަށެވެ. އެމަނިކުފާނަކީ ޝައިޚް ޚަލީފާގެ ކޮއްކޯފުޅެވެ.

ޝައިޚް މުހައްމަދު ބިން ޒައިދަކީ 2014 ވަނަ އަހަރު ޝައިޚް ޚަލީފާއަށް ސްޓްރޯކެއް ޖެހިވަޑައިގަތުމާއެކު ދައުލަތުގެ ކަންކަން ހިންގެވުމާ އަމަލީ ގޮތުން ހަވާލުވެ ހުރި ބޭފުޅެކެވެ.

ޝައިޚ މުހައްމަދު ބިން ޒައިދު ރައީސްކަމަށް އިސްވެ ވަޑައިގަތުމާއެކު ގިނަ ގައުމުތަކަކުން އަންނަނީ އެމަނިކުފާނަށް މަރުހަބާ ވިދާޅުވަމުންނެވެ.

ޝައިޚް ޚަލީފާ އަވަހާރަވުމާއެކު ޔޫއޭއީގައި ވަނީ ތިންދުވަހުގެ ގައުމީ ހިތާމައިގެ މުއްދަތު އިއުލާން ކޮށްފަ އެވެ. -- އަލް އަރަބިއްޔާ