ވެރިކަމުގެ ދެ ވަނަ ދައުރަކަށް 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަނުކުރައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ ގާތު މިހާތަނަށް ވިދާޅުނުވާ ކަމަށް ރައީސް އޮފީހުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދައްކަވަމުން ރައީސްގެ އަރިސް ބޭފުޅަކު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ މެދު ރައީސް ގޮތެއް ނިންމެވުމުން އެކަން ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ ދެ ވަނަ ދައުރެއްގައި ވާދަކުރައްވާނެތޯ "ހުރިހާ" އިން ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ސީދާ ވިދާޅެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ރައީސް ސޯލިހު ނުދައްކަވާ ބައެއް ވާހަކަފުޅުތައް ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް ދައްކަވަމުން ގެންދަވަ އެވެ. ނަމަވެސް މިހާތަނަށް ރައީސް ސޯލިހު އެއިން އެއްވެސް ވާހަކަފުޅަކަށް ޖަވާބެއް ނުދެއްވަ އެވެ.

އެމްޑީޕީން މިއަދު ކުރިޔަށް ގެންދާ އެތެރޭގެ އިންތިހާބުގައި ވޯޓުލެއްވުމަށް ރައީސް ސޯލިހު މަޑުކޮށްލައްވައިގެން. ފޮޓޯ: އެމްޑީޕީ

ނަމަވެސް އެމްޑީޕީގެ ވާދަވެރި ޗެއާޕާސަންގެ އިންތިހާބު ކުރިޔަށް ދަނިކޮށް ރައީސް ނަޝީދު މިއަދު އެ ވާހަކަފުޅު ދެއްކެވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.

ދިވެހި ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން ވެސް އެހެން ބޭފުޅުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވުން މުހިއްމު ކަމަށެވެ. އެއާ ވިއްދައި ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާދަކުރައްވަފާނެ ކަމަކަށް ލަފައެއް ނުކުރެއްވޭ ކަަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ސޯލިހާ އަޅުގަނޑާ ނޫން އެހެން ބޭފުޅުން ވެސް މި ރޭހުގެ ތެރޭގައި ނުކުތުމަކީ ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.