މިއަދު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގެ ވޯޓު ލުމުގެ ވަގުތު ހަވީރު 6:00 އާއި ހަމައަށް އިތުރު ކޮށްފި އެވެ.

އެމްޑީޕީއިން ބުނީ މިހާރު ކުރިއަށްދާ އެޕާޓީގެ އެތެރޭގެ އިންތިޚާބު 2022 ގެ ވޯޓުލުމަށް ދެވިފައިވާ ގަޑި، ވިއްސާރަވުމާއި ބައެއް ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފެއްޓުނުލެއް ލަސްވުމުގެ ސަބަބުން މިއަދު ހަވީރު 6:00 އާއި ހަމައަށް އިތުރު ކުރެވިފައިވާ ކަމަށެވެ.

ކުރިޔަށްދާ މި އިންތިޚާބުތަކުގެ ވޯޓުލުން ފެށިފައިވަނީ ހެނދުނު 9:00ގައެވެ. އަދި ހެނދުނު ހެދުނާ، ޗެއަރޕާސަން އިންތިޚާބުގައި ވާދަކުރާ ދެ ކެނޑިޑޭޓުންނާއި ޕާޓިގެ އިސް ދެބެފުޅުން ކަމަށްވާ ރައީސް ސޯލިހާއި ރައީސް ނަޝީދުވެސް ވަނި ވޯޓު ލައްވާފަ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިވެފައިވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމެވެ. އެ މަގާމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެހެން އިންތިހާބުތަކުގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ އަންހެނުންގެ ރޫހު ރައީސްކަމުގެ މަގާމާއި، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބު ރައީސްގެ މަގާމެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބަކީ ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 90،000 އަށް ވުރެ ގިނަ މެމްބަރުން ލިބިފައިވެ އެވެ.