ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށްފައި ކަމަށާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަގާމުން ވަކިކުރުމުގެ ބިރުވެސް އެ މަނިކުފާނަށް އެބަ އޮތް ކަމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން މިއަދު ބުނެފި އެވެ.
އިދިކޮޅު ކޮލިޝަނުން މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް މަސައްކަތް ނެތިގެން އަވަހަށް ނިންމާލާއިރު، ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތަށް މި ގައުމުގައި އެބަހުރި ކަމަށެވެ. އަދި އެ ކަންކަމާ ގުޅިގެން އިދިކޮޅުގެ ފަރާތުން މަޖިލީހަށް ވަރަށް ގިނަ މައްސަލަތައް ހުށަހަޅާފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ގޮތުން މަޖިލިސް ރައީސްއަށް އެ ވަނީ މަަސައްކަތް ކުރުމުގައި ޑެޑްލޮކަކަށް އައިސްފައި ނުވަތަ މަރުތަޅު އެޅުވިފައި ކަމަށް ގަބޫލު ކުރެވެނީ. އެމްޑީޕީގެ އިންތިހާބަށް ފަހު ރައީސް [ނަޝީދު] ޖެހިލުންވެވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް، މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ބޭރުކޮށްފާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިއަދު މަޖިލިސް ހުއްޓުވާލާފަ އޮންނަނީ ސަރުކާރުން ގަސްތުގައި ކުރާ ކަމެއް ކަމަށެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދު މަޖިލިސް ކުރިއަށް ގެންދިޔައީ މަޖިލިސް ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ގާނޫނުއަސާސީން ލާޒިމުކުރާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި މަގުފަހިކޮށްދޭ ތަނެއްގެ ގޮތުގައި ހެދުމަށް ކަމަށެވެ. އެހެން ނަމަވެސް އެކަމަށްވެސް ސަރުކާރުން މިހާރު ހުރަސް އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ އޭރުގެ އަމާޒަކަށްވެސް ވެގެން ދިޔައީ ބާރުތައް އެއްކޮށްގެން، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހާ ސަރުކާރު އެއްކޮށްލައިގެން ވެރިކަންކުރާ ތަނެއްގެ ގޮތުގައި ހެދުމަށް މަސައްކަތްކުރުން ކަމަށް ވާތީ، އެހާ ހިސާބުން ފެށިގެން ތަފާތު އެކި ގޮންޖެހުންތަކާ ހަމައަށް އައިސް މިއަދު ރައީސް ނަޝީދަށް ވަރަށް ނުރައްކާތެރި އުދުވާނީ ހަމަލާއެއް ވެސް ދެވި،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ވެސް މިހާރަށް ވުރެ ހަރުދަނާކޮށް، ހަލުވި ކުރަންޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ކޮމިޓީތަކުން އެންމެ އެދެވޭ ނަތީޖާއެއް ނެރެވޭތޯ ނުވަތަ ނޫންތޯ އާންމުން އެނގެން ބޭނުންވާނެ ކަމަށާއި ޕާފޯމެންސް އޮޑިޓެއް ހަދަން ހުށަހަޅާފައި ކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.
މަޖިލީހުގެ މި ދައުރު މިދިޔަ ހޯމަ ދުވަހު ފެށިއިރު، މިދިޔަ ތިން ދުވަހު މަޖިލީހުގެ ޖަލްސާތަކުގައި މާ ބޮޑު މަސައްކަތެއް ނެތި ޖެހުނީ ކުރުކޮށްލާށެވެ.