ޓެރަރިސްޓް ޖަމައާތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތަށް ނިސްބަތްވާ ކަމަށް ތުހުމަތުކޮށް ވިލިމާލެއިން ހައްޔަރުކުރި ހޫދު މުހައްމަދު ޒާހިރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ފަށައިފި އެވެ.

ދިވެހި ފުލުހުންނާއި، އެމެރިކާގެ އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ގައުމެއްގެ ކަމާ ބެހޭ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ހޫދު ހައްޔަރުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ހާއްސަ ގާނޫނުގެ ދަށުން ފަސް ދައުވާއެއް އުފުލާފައިވާއިރު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގައި ހޫދުގެ ގާނޫނީ ވަކީލު އައިޝަތު ޝީނާ ވިދާޅުވީ ހޫދަށް ކުރާ ދައުވާއާ ގުޅުން ހުރި އެއްވެސް ލިޔެކިއުމެއް އަދި ލިބިފައި ނުވާ ކަމަށެވެ.

ހޫދުގެ ފަރާތުން އޭނާގެ އާއިލާއިން މައްސަލަ ހަވާލު ކުރީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އަދި އާއިލާއިން ބައެއް ލިޔުންތައް ދީފައިވާ ނަމަވެސް، ލިޔުންތަކުގެ ތެރޭގައި ދައުވާ ފޯމު ނެތުމުން ދެން މަދުވަނީ ކޮން ލިޔުންތަކެއް ކަމެއް އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަދުވާ ލިޔެކިޔުންތައް ހޯދުމަށް އެދިފައިވާނެ ކަމަށްވެސް ޝީނާ ފާހަގަ ކުރެއްވި އެވެ.

އެކަމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރު މުހައްމަދު މިސްބާހް ހޫދުއާ ސުވާލު ކުރުމުން ދައުވާއާ ގުޅިގެން ހުންނަ ލިޔެކިއުންތަކަކީ ކޮބައި ކަމާއި ލިޔެކިއުމެއް އޮންނަ ކަމެއް ވެސް އޭނާއަށް ނޭނގޭ ކަމަށެވެ.

ފަނޑިޔާރު މިސްބާހް ވިދާޅުވީ ޝަރީއަތަށް ހުށަހަޅާފައިވާ ދައުވާ ފޯމުތަކުގެ ސެޓް ދިފާއަށް ކޯޓުން ދޫކުރަން ކޯޓުގެ އިދާރާއަށް އަންގަވާނެ ކަމަށެވެ.

އޭގައި ލިޔެކިއުމެއް މަދުވާނަމަ އެ ކަން ކޯޓުގެ އިދާރާއާ މުއާމަލާތް ކުރުމަށް ފަނޑިޔާރު އިލްތިމާސް ކުރެއްވި އެވެ. އަދި ލިޔެކިޔުންތައް ހަމަނުވާތީ މިއަދުގެ އަޑުއެހުން އިތުރަށް ކުރިއަށް ނުގެންގޮސް ވަނީ ނިންމަވާލައްވައިފަ އެވެ.

ދެން އަޑުއެހުމެއް ބާއްވާނީ ހޫދުގެ ވަކީލަށް ލިޔެކިއުންތައް ހަމަވުމުން ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް އަދި ކަނޑަނާޅަ އެވެ.