ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ އިސް މެންބަރަކު ރާއްޖެއިން ހައްޔަރުކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން އައިއެސްގެ ސެލްއެއް ހިންގަމުން ދިޔަ މީހާ ހައްޔަރުކުރީ އެމެރިކާގެ އެފްބީއައި އާއި ޔޫރަޕްގެ ތަހުގީގީ އިދާރާތައް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިދިޔަ މަހުގެ ހަ ވަނަ ދުވަހު ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވި ގޮތުގައި ހައްޔަރުކުރި މީހާއަކީ އެކި ގައުމުތަކުގައި ޓެރަރިސްޓް ހަމަލާތައް ދިނުމަށް މީހުންނަށް ހިތްވަރު ދެމުން ދިޔަ މީހެކެވެ. އަދި ހުޅަނގުގެ ގައުމުތަކުގެ ލީޑަރުންނަށް ހަމަލާދީ އަވަހާރަކޮށްލަން ގޮވާލާ ސޯޝަލް މީޑިއާގައި ވާހަކަ ދައްކަމުން ދިޔަ މީހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ވިލިމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރީ ހޫދު މުހައްމަދު ޒާހިރު ނަމަކަށް ކިޔާ މީހެކެވެ.

އެ މީހާ ފާހަގަ ކުރެވިފައިވަނީ އައިއެސްގެ ޕްރޮޕެގެންޑާ ސޯޝަލް މީޑިއާގައި ފެތުރުމުގައި އިސްކޮށް އުޅޭ މީހެއްގެ ގޮތުގަ އެވެ.

މީގެ އެތައް އަހަރެއް ކުރީން ފެށިގެން ވެސް އޭނާ ގެންދިޔައީ އެ މަސައްކަތް ކުރަމުން ކަމަށް ވެސް ކޮމިޝަނަރު ހަމީދު ވިދާޅުވި އެވެ. އެ ގޮތުން 2015 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރު ދީ އޭނާ ގެންދިޔައީ އެކި ކަހަލަ ޕޯސްޓްތައް ކޮށް އެ ފިކުރުގެ މީހުންނަށް ހިތްވަރު ދެމުން ގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ވަނީ ހޫދު ހައްޔަރުކޮށް އޭނާއާ ގުޅުން ހުރި ތަންތަން ފާސްކޮށް ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އޭނާ ބޭނުންކުރި ފޯނު ނަންބަރުތަކުން ކޮށްފައިވާ މުއާލަމާތްތައް ހޯދަން ފުލުހުން ކޯޓު އަމުރަކަށް އެދުމުން އެ އަމުރު ނުލިބުމުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އިއްޔެ ވަނީ އެކަމާ ގުޅޭ އަމުރެއް ވެސް ނެރެފައިވެ އެވެ.

"...އޭނާ 2015 ވަނަ އަހަރުން ފެށިގެން މިކަންކަން ހިންގަމުން ދިޔައީ ރާއްޖޭގައި، ދިވެހިންގެ ތެރޭގައި އުޅެމުން،" ހަމީދުގެ ޓްވީޓްގައިވެ އެވެ. "ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގެ ގޮތުގައި ޕޮލިހާއި އެފްބީއައި އަދި އީޔޫގެ ދެ ގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން އަންނަނީ މިކަން ތަހުގީގުކުރަމުން."

އޭނާ ވިދާޅުވީ މައްސަލައިގެ ތަފްސީލާ އެކު ޕްރެސް ރިލީޒެއް ފަހުން ނެރޭނެ ކަމަށެވެ.