ފްލޫ ކްލިނިކްތަކުން ކޮވިޑައަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ނުވަ ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފި އެވެ.

އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީގު ރޭ ވިދާޅުވީ، ކޮވިޑްގެ ހާލަތު ދެނެގަތުމަށް ކޮންމެ ހަފްތާއަކު ވެސް ބަލާ އިންޑިކޭޓާސްތަކުގެ ތެރެއިން އަނެއްކާ ވެސް ކަންބޮޑުވާން ޖެހޭ ފަދަ ޓްރެންޑެއް ފެންނަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ އާއި އަޅާބަލާއިރު، މި ހަފްތާގައި ފްލޫ ކްލިނިކްތަކުން ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ނިމުނު ހަފްތާގައި ޖުމްލަ ފްލޫ ކްލިނިކް ޕޮޒިޓިވިޓީ މިވަނީ ނުވަ ޕަސެންޓަށް އަރާފައި އަނެއްކާ ވެސް. މިއީ ލެވަލް ވަން. ލެވަލް ވަންގައި ހުރިކަމަށްވީނަމަވެސް ހަމަ ލެވަލް ޓޫ އާއި ވަރަށް ކައިރީގައި މި އުޅެނީ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެތަނުން ބަލާ ހުރިހާ އިންޑިކޭޓާސްތަކުގެ ތެރެއިން ކޭސްތައް އިތުރުވަމުންދާ ނަމަ ނުވަތަ ޙާލަތު އިތުރަށް ގޯސްވަމުންދާ ނަމަ އެންމެ ފުރަތަމަ މައްޗަށްދާނެ އިންޑިކޭޓަރަކީ އެއީ ކަމަށެވެ. އަދި ފްލޫ ކްލިނިކް ޕޮޒިޓިވިޓީ މައްޗަށްދާ ނަމަ އޭގެ މާނައަކީ ވަރަށް ބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭން ޖެހޭ ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑްގެ ހާލަތަށް ބަލައި، ޚާއްސަ ގައިޑްލައިންތަކަކާއެކު ބޮޑެތި ލުއިތަކެއްދިން ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތުގައި ނޭޅުމުގެ ސަބަބުން ބޮޑެތި ކްލަސްޓާތައް ފެންނަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އެކަން އެންމެ ބޮޑަށް އަދިވެސް ފާހަގަ ކުރެވެނީ މަސައްކަތުގެ މާޙައުލުގައިކަން ޑރ. ނަޒްލާ ފާހަގަ ކުރެއްވި އެވެ.

"ބައެއް ކްލަސްޓާތަކުގައި ބަލި ފެތުރުމަށް މެދުވެރިވާ އެންމެ މައިގަނޑު ސަބަބަކީ ބަލީގެ އަލާމަތްތައް ހުރެ ވެސް ޓެސްޓުނުކޮށް ވަޒީފާއަށް ނުކުމެ އެހެން މީހުންނާއެކު އުޅެ އަދި ޚާއްސަކޮށް ރައްކާތެރިކަމަށް މި އަޅަން ޖެހޭ މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި މިކަންކަމަށް ސަމާލުކަން ނުދެވޭތީ. ބައެއް ފަހަރު ޚާއްސަކޮށް އޮފީސް މާހައުލުގައި މަސައްކަތްކުރާއިރު ދުރު ދުރުގައި ޑެސްކުތައް ބެހެއްޓިގެން ކުރިޔަސް ވެސް ސައިބޯ ގަޑިކަހަލަ ގަޑިގަޑީގައި އެންމެން އެއްކޮށް މާސްކު ނަގައިގެން ކައިކައިރީގައި ތިބެގެން އެބަ ސައިބޮއިހަދާ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ޚާއްސަކޮށް ކޮވިޑްގެ އެއްވެސް އަލާމާތެއް ހުރިނަމަ ވަޒީފާއަށް ނުގޮސް، މީހުންނަށް ޒިޔާރަތްނުކޮށް، ބޭރަށް ނުނިކުމެ، ހަމައެކަނި ފްލޫ ކްލިނިކަށް ވަޑައިގެން ޓެސްޓްކުރަން ޖެހޭނެ ކަމަށެވެ. ކޮވިޑްގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައި އޮތުމަށްފަހު އަނެއްކާ ވެސް ހާލަތު ގޯސްވެދާނެކަމުގެ ކަންބޮޑުވުންތައް އެބައޮތް ކަމަށް އެޗްއީއޯސީން ފާހަގަކުރެ އެވެ.