ކައުންސިލްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ސިވިލްސާވިސް ކޮމިޝަނުން ދޭންޖެހޭ ހުއްދަ ނުދޭކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ސިވިލްސާވިސް ކޮމިޝަނުން ދޮގުކޮށްފި އެވެ. މިވާހަކަތައް ދޮގުކޮށް އެކޮމިޝަނުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ކޮމިޝަނުން ނެރުނު ބަޔާނުގައިވަނީ ކައުންސިލްތަކުގެ އޮނިގަނޑުގައި ހިމެނޭ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާންކުރުމުގެ ކުރިން އެ ކޮމިޝަނުން އެއްވެސް ހުއްދައެއް ހޯދަން ނުޖެހޭނެކަން ކައުންސިލް އިދާރާތަކަށް އަންގާފައިކަމަށެވެ. އަދި އިދާރީ އޮނިގަނޑުގައިވާ ހުސް މަގާމުތަކަށް ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު މުވައްޒަފުން ހޯދުމަކީ އެ އިދާރާގެ ޒިންމާއެއް ކަމުގައި ދަންނަވާފައިވާނެކަމަށެވެ.

މީގެ އިތުރުން، ކައުންސިލްތަކުގެ އިދާރީ އޮނިގަނޑުގެ ބޭރުން ވަކި ޕްރޮޖެކްޓަކަށް ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފެއް ނެގުމަށް ކައުންސިލަކުން ބޭނުންވާ ނަމަ، ކަމާ ގުޅޭ މައުލޫމާތު އެ ކޮމިޝަނަށް ފޮނުވުމުން އެ މަގާމުތަކަށް، ކަނޑައެޅިފައިވާ ގަވާއިދާއި އުސޫލުތަކުގެ ތެރެއިން އެ ކޮމިޝަނުން ދަނީ ހުއްދަ ދެމުން ކަމުގަ އެވެ. އަދި، ކައުންސިލް އިދާރާތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލާނެ އުސޫލެއް ލޯކަލް ގަވަމަންޓް އޮތޯރިޓީ ގުޅިގެން އެކުލަވާލައި އާންމުކުރެވިފައިވާނެކަމަށް ސިވިލްސާވިސް ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

އަދި އެ އުސޫލުގެ ތެރެއިން ކައުންސިލްތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލުމަކީ ކައުންސިލް އިދާރާތަކުގެ ޒިންމާއެއް ކަމަށާއި އޮނިގަނޑު ފާސްނުވިކަމުގައި ވީނަމަވެސް، ކައުންސިލް އިދާރާތަކަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް މީހުން ހޯދުމަށް އެ ކައުންސިލް އިދާރާގެ ބަޖެޓުން ހަރަދު ކުރެވެން ހުރި ނަމަ، ކަނޑައަޅާފައިވާ ގަވައިދާއި އުސޫލުގެ ތެރެއިން ހުއްދަ ދެމުން ދާކަމަށްވެސް ސިވިލްސާވިސް ކޮމިޝަނުން ހާމަ ކުރެ އެވެ.

ސީއެސްސީ މިފަދަ ބަޔާނެއް ނެރެފައިވާއިރު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ގެ ދަށުން ކައުންސިލްތަކަށް ލިބިދީފަ އިވާ ބާރުތައް ތަންފީޒުކޮށް ކައުންސިލްތައް ހިންގުމަށް ކުރިމަތިވަމުންދާ ދަތިތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްވަނީ މަޖިލީހަށް ގަރާރެއް ހުށައަޅާފަ އެވެ. އެގަރާރުގައި ވަޒީފާގެ މައްސަލަތަކާއި ކައުންސިލްތަކުގެ އޮނިގަނޑުތައް ފާސް ނުވުމާއި ގާނޫނުން ލާޒިމު ކުރާ މަސައްކަތްތައް ކުރުމަށް ސިވިލް ސަރވިސްގެ ތެރެއިން ގިނަ ދަތިތަކެއް ހުރި ކަމަށް ބުނެފައިވެ އެވެ.