އަރާމުގައި ނިދިފައި އޮއްވައި، ކުއްލިއަކަށް ދަންވަރު ހޭލެވޭ ހެއްޔެވެ؟ އެގޮތަށް ހޭލެވުމަށްފަހު އަލުން ނިދޭގޮތް ނުވެ، އެނދުގައި ފުރޮޅި ފުރޮޅި އޮންނަން ޖެހޭ މީހުން މަދެއް ނޫނެވެ.

މިގޮތަށް ގަވާއިދުން އެއް ގަޑިއަކަށް ހޭލެވުމަކީ ހަމައެކަނި އިއްތިފާގެއް ނޫނެވެ. ސައިންސްވެރިންނާއި ސިއްހީ މާހިރުން ބުނާ ގޮތުގައި މިއީ ހަށިގަނޑުގެ އެތެރޭގެ ނިޒާމަށް ނުވަތަ ދިރިއުޅުމުގެ އާދަކާދައަށް ބަދަލުތަކެއް އައިސްފައިވާ ކަމުގެ ސާފު އިޝާރާތެކެވެ.

ދަންވަރު ނިދިން ހޭލެވޭ މުހިންމު ސަބަބުތައް

  1. ސްޓްރެސް އަދި ކޯޓިސޯލް ހޯމޯން އިތުރުވުން: ހަށިގަނޑު ހޭލެއްވުމަށް އެހީތެރިވެދޭ "ކޯޓިސޯލް" ހޯމޯން އާންމުކޮށް ދަންވަރުގެ ވަގުތުތަކުގައި އިތުރުވާން ފަށަ އެވެ. ނަމަވެސް، ތިބާއަކީ ނަފްސާނީ ގޮތުން ސްޓްރެސް ބޮޑު ނުވަތަ ފިކުރު ބޮޑުވާ މީހެއްނަމަ، މި ހޯމޯން އަވަހަށް އަދި މަތީ މިންވަރަކަށް އުފެދެ އެވެ. މީގެ ސަބަބުން ކުއްލިއަކަށް ހޭލެވި، ސިކުނޑި "އެލާޓް" ހާލަތަކަށް އާދެ އެވެ.
  2. ނިދީގެ މަރުހަލާތައް ބަދަލުވުން: ރޭގަނޑުގެ ފުރަތަމަ ކޮޅުގައި ހަށިގަނޑު އޮންނަނީ ވަރަށް ގަދަ ނިދީގަ އެވެ. ނަމަވެސް، ދަންވަރު 3:00ގެ ފަހުން ނިދީގެ މަރުހަލާ "ލައިޓް ސްލީޕް" ނުވަތަ އާދައިގެ ނިދި މަރުހަލާއަށް ބަދަލުވެ އެވެ. މީގެ ސަބަބުން ކިތަންމެ މަޑު އަޑަކުން، ނުވަތަ ކޮޓަރީގެ ފިނިހޫނުމިނަށް އަންނަ ކުޑަ ބަދަލަކުންވެސް ފަސޭހައިން ހޭލެ ވޭގޮތްވެ އެވެ.
  3. ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ދަށްވުން: ރޭގަނޑު ކެއުމުގައި ހަކުރު ނުވަތަ ކާބޯހައިޑްރޭޓްސް ގިނައިން ހުންނަ ކާތަކެތި ބޭނުން ކުރުމުން، ދެތިން ގަޑިއިރު ތެރޭގައި ލޭގައި ހުންނަ ހަކުރުގެ މިންވަރު ކުއްލިއަކަށް ދަށްވެގެންދެ އެވެ. އެހެންވެ، ހަށިގަނޑުން އެކަން ހަމައަކަށް އަޅުވަން އެޑްރެނަލިން އަދި ކޯޓިސޯލް އުފައްދައި، މީހާ ހޭލައްވައިލަ އެވެ.
  4. ސިއްހީ މައްސަލަތައް އަދި ހޯމޯން ބަދަލުވުން: ނނިދީގައި ނޭވާލާ ނިޒާމަށް ބުރޫ އެރުމުގެ ސަބަބުން ވަގުތީ ގޮތުން އޮކްސިޖަން މަދުވެ، ހޭލެވޭ ގޮތްވެ އެވެ. އެއާއެކު އަންހެނުން އިއްދައިން ކެނޑޭ ދުވަސްވަރު ގަދައަށް ދާހިއްލުމާއި ހޫނުވުމުގެ ސަބަބުން ފަތިހު ހޭލެވުން ގާތްވެ އެވެ.

އަލުން ނިދުމަށް ކުރެވިދާނެ ކަންކަން

  • ގަޑިއަށް ނުބެލުން: ހޭލެވުމާއެކު ގަޑި ބެލުމުން ސިކުނޑިއަށް އިތުރު ސްޓްރެސް ލިބި، "އަދި ބާކީ އޮތީ 2 ގަޑިއިރޭ" ސިކުނޑި ވިސްނަން ފަށަ އެވެ. މީގެ ސަބަބުން ނިދި އައުން ދުރުވެ އެވެ.
  • ފޯނު ބޭނުން ނުކުރުން: ފޯނުގެ އައްޔަކީ ސިކުނޑިއަށް ވަގުތު އޮޅުވާލައި ދުވާލު ކަމުގައި ގަބޫލު ކުރުވާ އެއްޗެކެވެ.
  • ފުންކޮށް ނޭވާލުން: އެނދުގައި އޮވެ ފުންކޮށް ނޭވާލައި، ހަށިގަނޑު ހަމައަކަށް އަޅުވަން މަސައްކަތް ކުރާށެވެ. 20 މިނެޓު ތެރޭގައި ނިދި ނުނިދިިއްޖެނަމަ، ތެދުވެ މަޑު އަލީގައި ފޮތެއް ކިޔާލުން ފަދަ ކަމެއް ކޮށްލާށެވެ.

މިއީ ކޮންމެ ރެއަކު ހިނގާ ކަމަކަށްވެ، ދުވާލު ގަޑީގައި ވަރުބަލިކަން އިހުސާސް ވާނަމަ، ޑޮކްޓަރެއްގެ އެހީތެރިކަން ހޯދައި ސިއްހީ އެހެން މައްސަލައެއް އުޅޭތޯ ބެލުން މުހިއްމެވެ.