ލަންޑަން (07 ޖޫން) - އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ މައްޗަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނެގި އިތުބާރު ނެތްކަމުގެ ވޯޓު އޭނާ ކާމިޔާބު ކޮށްފި އެވެ.

ބޮރިސް ވޯޓު ކާމިޔާބު ކޮށްފައިވަނީ އޭނާއާ އެއްކޮޅަށް ވޯޓުދިން 211 މެމްބަރުންގެ ތާއީދާއެކު ޖުމްލަ ވޯޓުގެ 59 ޕަސެންޓް ލިބިގެންނެވެ. ވޯޓުގައި ބޮރިސްއާ ދެކޮޅަށް 148 މެމްބަރަކު ވޯޓު ދީފައިވެ އެވެ.

މަޖިލީހުގެ މި ނިންމުމާއެކު ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ބޮރިސްގެ މަގާމު ޔަގީންވީ އެވެ. އޭނާ ވަނީ މި ނިންމުމަކީ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބެއް ކަަމަށް ބުނެފަ އެވެ.

ބޮރިސްއަށް ވޯޓު ކާމިޔާބު ކުރެވުނު ނަމަވެސް އިނގިރޭސި ވިލާތުގައި އޭނާއަށް އޮތް ތާއީދު ވަރަށް ބޮޑަށް ވަނީ ކުޑަވެފަ އެވެ. އެގޮތުން ބޮރިސްގެ އިސްތިއުފާއަށް ވެސް ގޮވައި ގިނަ ބަޔަކު ވަނީ ޚިޔާލު ފާޅުކޮށްފަ އެވެ.

ބޮރިސްގެ ކުރިން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ތެރީސާމޭއަށް ވެސް އިތުބާރު ނެތް ކަމުގެ ވޯޓެއް ކުރިމަތިވި އެވެ. 2018 ވަނަ އަހަރު ނެގި އެ ވޯޓު ކާމިޔާބުކުރި ނަމަވެސް އޭގެ ހަމަސް ދުވަސް ފަހުން އޭނާ ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ބޮރިސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން މަޖިލީހަށް ތާވަލު ކުރެވުނީ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ 15 ޕަސެންޓް މަޖިލިސް މެމްބަރުން އެކަމަށް އެދި މަޖިލީހުގެ ރައީސަށް ހުށައެޅުމުންނެވެ.

ކޮވިޑް 19ގެ ޕެންޑަމިކްގައި ބޮރިސް ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން އޭނާއަށް ވަނީ އިދިކޮޅު ޕާޓީއާއި އާއްމުންގެ ވެސް ވަރަށް ގިނަ ފާޑު ކިޔުންތައް އަމާޒުވެފަ އެވެ. -- ބީބީސީ