މިމަހުގެ ފުރަތަމަ ދުވަހު ސ. ފޭދުގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލާގައި ހައްޔަރު ކުރި 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ.

ގްރޫޕަކުން ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް މަރުވީ ސ. ފޭދޫ، ސޮލިޑް، އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާ އެވެ

ފުލުހުން ބުނީ މިމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކުރި 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

އެ ކުއްޖާގެ ބަންދަށް 10 ދުވަސް ދީފައިވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

މި މައްސަލައާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ވެސް ހައްޔަރުކޮށްފަ އެވެ. އެ ކުއްޖާގެ ބަންދަށް ކޯޓުން 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން ރަށު ތެރޭގައި އަމާން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި 18 އަހަރުގެ ދެ މީހުންނާއި 29 އަހަރުގެ މީހާގެ ބަންދަށް ފަސް ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އައްޑޫގައި ސިލްސިލާ މާރާމާރީތައް ހިންގާތީ އެ ސިޓީގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ އެވެ. އެކަމާ ގުޅިގެން ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި އަމާންކަން ގާއިމްކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ