ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީގެ ގ. ކެނެރީގޭގެ ފާރުގައި އިންޑިއާ އައުޓް ސްޕްރޭ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ބަންދަށް ހަތް ދުވަސް ޖެހީ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުންނެވެ.

ނަޝީދުގެ އާއިލީގެ ގޭގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކޮށްފައި މި ވަނީ ރާއްޖޭގެ އިދިކޮޅު ޕާޓީތައް ކަމަށްވާ ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނާ ދެކޮޅަށް ނަޝީދު އިސްކޮށް ހުންނަވައިގެން މިދިޔަ ހަފުތާގައި "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ވެސް ފައްޓަވާފައި ވަނިކޮށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގަރާރެއް ނެރުނުފަހުން އެ ހަރަކާތް ވަނީ ކުރިއަށް ވުރެ ބޮޑަށް ފުޅާވެފަ އެވެ. އެގޮތުން މާލޭގެ އެކި ގެތަކުގައި އިންޑިއާ އައުޓް ބެނާތައް ނަގާފައިވެ އެވެ. ފުލުހުން ވަނީ އެ ބެނާތައް ނަގާފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހުން ކޯޓު އަމުރެއްގެ ދަށުން ނެގީ ގޯސް ކޮށް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގާ މި ހަރަކާތަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. އެމަނިކުފާނު ވަނީ ރައީސް ޔާމީންގެ ގެކޮޅުގައި ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހުން ނެގީ ގޯސް ކޮށް ކަމަށް ކަނޑައަޅައި ހައި ކޯޓުން ކުރި ހުކުމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.