އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ 'ރަން ރީނދޫ' ދުވުން އަންނަ މަހަށް ފަސްކޮށްފި އެވެ.
އެއީ އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ދުވުމެކެވެ. އެ ޕާޓީއަށް 20 އަހަރު ފުރުނީ މިދިޔަ މަހުއެވެ.
އެ ޕާޓީން ފުރަތަމަ މަސައްކަތް ކުރީ މިމަހުގެ 18 ވަނަ ދުވަހު 'ރަން ރީނދޫ'ގެ ނަމުގައި މުޅި ރާއްޖޭގައި ދުވުމެއް ކުރިއަށްގެންދިޔުމަށެވެ. ނަމަވެސް މާލޭގައި އެ ދުވުން ބާއްވަން އޭރު އެޗްޑީސީން ހުއްދަ ނުދިނެވެ.
އެޗްޑީސީން ހުއްދަ ނުދިނުމުން މާލޭގެ މަޖީދީމަގުގައި އެ ދުވުން މާދަމާ ބާއްވަން ނިންމައި އެމްޑީޕީން އެކަން އިއުލާންކުރުމުން ކުއްލިގޮތަކަށް އެޗްޑީސީން ވަނީ އަންނަ މަހު އެކެއްގައި ހުޅުމާލޭގައި އެ ދުވުން ބާއްވަން ހުއްދަ ދީފަ އެވެ.
އެމްޑީޕީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ފުލުހުންގެ އެހީތެރިކާމާ އެކު އެ ދުވުން ހުޅުމާލޭގައި ބޭއްވުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހު ހުޅުމާލޭ ސެންޓަރަލް ޕާކު ވަށައިގެން އޮންނަ މަގުގައި ދުވުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
'ރަން ރީދޫ' ނަމުގައި ބާއްވާ މި ދުވުމަކީ އެމްޑީޕީގެ 20 އަހަރު ރަމްޒުކޮށްދޭ ދަންމަރަކާ އެކު މާލޭ ސަރަހައްދުގައި ދުވުމަށް ފަހު، އެ ދަންމަރު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ގެންދަން ފަށާ ހަރާކާތެއް ކަމަށް އެމްޑީޕީން ބުންޏެވެ.