ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު އާއި އޭނާގެ އަންހެނުން ކުރީގެ އެކްޓަރެސް ޓްވިންކަލް ކަންނާ އެކަކު އަނެކެއްގެ ދިރިއުޅުމަށް ހުރަސް އަޅާފައިނުވާނެ ކަމަށް އަކްޝޭ ބުނެފި އެވެ.

އަކްޝޭ ކުމާރާއި ޓްވިންކްލް ކަންނާ ކައިވެނި ކުރާތާ 20 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެމީހުންނަށް ވަނީ ދެ ކުންދިން ވެސް ލިބިފަ އެވެ. އެއީ އާރަވް އާއި ނިތާރާ އެވެ.

ޓްވިންކަލް އިން ސޯޝަލް މީޑިއާގައި އާންމުކޮށް އެމީހުންގެ ދިރިއުޅުމުގެ ކުޑަކުޑަ މަންޒަރުތައް ހިއްސާކުރެ އެވެ.

އެ ދެމީހުންގެ ދިރިއުޅުމާ ބެހޭ ގޮތުން އަކްޝޭ ދިން އިއްޓަވިއުއްގައި ބުނެފައިވަނީ އެކަކު އަނެކެއްގެ ދިރިއުޅުމަށް ހުރަސް އަޅާފައި ނުވާ ކަމަށެވެ.

ދިރިއުޅުމުގެ ކަންކަން ހަމަހަމަކަމާއެކު ބަހާލައިގެން މަސައްކަތް ކުރުމަކީވެސް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

"ތިމާގެ ދިރިއުޅުމުގެ ބެލެންސެއް ބެލެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" އަކްޝޭ ބުންޏެވެ.

އަކްޝޭ ކުމާރު އެންމެ އަވަހަށް ދެން ފެނިގެންދާނީ ޗަންދްރަޕްރަކާޝް ޑްވިވެދީ ޑައިރެކްޓްކުރާ ތާރީހީ ފިލްމު "ސަމްރަތު ޕްރިތްވިރާޖް" އިނެވެ.

ޖޫން މަހުގެ ތިން ވަނަ ދުވަހު ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ރިލީޒް ކުރަން ހަމަޖެހިފައިވާ މި ފިލްމުގައި މަނޫޝީ ޗިލާރާއި ސަންޖޭ ދަތު އަދި ސޯނޫ ސޫދު ވެސް ފެނިގެންދާނެ އެވެ. މި ފިލްމަކީ މެދު ޒަމާނުގެ އިންޑިއާގެ ރަސްގެފާނު ޕްރިތްވިރާޖް ޗައުހާންގެ ދިރިއުޅުމުގެ ވާހަކައާއި، ޣޯރުގެ މުޙައްމަދާއި ދެކޮޅަށް އޭނާ ކުރި ހަނގުރާމަތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.