"ވިކްރަމް ވޭދާ" އަކީ ބިރުވެރި އުފާވެރި ދަތުރެއް ކަމަށް އެކްޓަރު ރިތިކް ރޯޝަން ބުނެފި އެވެ.

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރިތިކް މިހެން ބުނެފައިވަނީ އޭނަ އާއި ސައިފް އަލީ ހާން ލީޑް ރޯލުން ފެނިގެންދާ އެކްޝަން ފިލްމު "ވިކްރަމް ވޭދާ" ޝޫޓިންތައް ނިމުނުކަން ހާމަކޮށް އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

އެޕޯސްޓްގައި ރިތިކް ވަނީ "ވިކްރަމް ވޭދާ"ގެ ބައިވެރިންނާއެކު ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާކޮށްފަ އެވެ.

ރިތިކް އިތުރަށް ބުނީ މި ފިލްމުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހަމަހަމަ މިންވަރަކަށް "ބިރުވެރި" އަދި "އުފާވެރި" ކަމަށެވެ. "އަހަންނަށް މި ދަތުރަކީ ސްކައިޑައިވް އެއް ފަދަ ބިރުވެރި އަދި އުފާވެރި ދަތުރަކަށް ވެފައިވާ ދަތުރެއް." ރިތިކް ވަނީ ބުނެފަ އެވެ.

https://www.instagram.com/p/CensS3WP4Jd/

"ވިކްރަމް ވޭދާ" އަކީ ގޭންގްސްޓާރަކާއި ފުލުހަކާ ދެމެދު ހިނގާ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ފިލްމެކެވެ.

މިފިލްމުގައި ފުލުހެއްގެ ކެރެކްޓާއިން ސައިފް ފެނިގެންދާއިރު ރިތިކް ފެންނާނީ ވޭދާ ކިޔާ ގޭންސްޓާރެއްގެ ރޯލުންނެވެ.

"ވިކްރަމް ވޭދާ" އަކީ ހަމަ އެ ނަމުގައި ގެނެސްދިން ތަމަޅަ އެކްޝަން ތުރިލާ އަސްލަކަށް ބަލައިގެން ހަދާ އެއްޗެކެވެ. މި ދެ ފިލްމުގެ ޑައިރެކްޓަރުންނަކީ ވެސް ޕުޝްކާރް-ގަޔަތުރީ އެވެ. ތަމަޅަ ފިލްމުގައި ވޭދާގެ ރޯލު ވިޖޭ ސެތުޕަތީ ކުޅުނު އިރު، ވިކްރަމްގެ ރޯލު ކުޅުނީ އާރް މާދުވަނެވެ.

20 އަހަރަށްފަހު ރިތިކާއި ސައިފް އެކުގައި މި ފިލްމުން ފެނިގެންދާއިރު، ކުރިން އެ ދެމީހުން އެކުގައި މަސައްކަތްކުރި ފިލްމަކީ 2002 ގެ ”ނަ ތުމް ޖާނޯ ނަ ހަމް“ އެވެ.

”ވިކްރަމް ވޭދާ“ ގެ ޝޫޓިންގ ނިންމާލާފައިވާއިރު، ފިލްމު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހަށެވެ.

https://www.youtube.com/watch?v=1sVr-uWZPjE