ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ކ. ރަށްފަޅު ހުރާ އިން ޕޮޒިޓިވްވި އިތުރު 79 މީހުންނާ އެކު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 150 އަށް އަރައިފި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 150 މީހުން ޕޮޒިޓިވްވީ 1،717 ސާމްޕަލް ޓެސްޓު ކޮށްގެނެވެ. މިއީ މިފަހުން ކޮވިޑްގެ ޕޮޒިޓިވް އަދަދު އެންމެ ގިނަވި ދުވަހެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 58 ދިވެހީންނާއި 92 ބިދޭސީންނެވެ. އަތޮޅުތެރެއިން 88 ޕޮޒިޓިވް ކޭސް ފެނުނެވެ. އަދި މާލެ ސަރަހައްދުން 62 ކޭސް ފެނިފައިވެ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 12،758 އަށް އަރައިފައެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދަކީ 11،615 އެވެ.

މިހާރު ވަނީ ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު 1000 އިން މައްޗަށް އަރާފަ އެވެ.