ދިވެހިންގެ ތެރޭގައި ކަދުރަކީ ހަމައެކަނި ރޯދަމަހަށް ހާއްސަ އެއްޗަކަށްވެފައި ވީނަމަވެސް ކަދުރަކީ ވަރަށް ގިނަ ފައިދާތަކެއް ހަށިގަނޑަށް ލިބޭ އެއްޗެއްކަން ސައިންސްގެ އެހީގައި މިއަދު މިވަނީ ޔަގީންކުރެވިފަ އެވެ

ހަފްތާއެއް ވަންދެން ދުވާލަކު ތިން ކަދުރު ކާނަމަ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމަށް ދިރާސާތަކުން ދައްކަ އެވެ. އެގޮތުން ގޮހޮރުގެ ކެންސަރުން ދުރުކޮށްދެ އެވެ. ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތްތައް ފުރިހަމަކުރުމަށް މަގުފަހިވެ ނުރައްކާތެރި ޖަރާސީމު ނައްތާލުމަށް މަސައްކަތް ކޮށްދިނުމާއި ގޮހޮރުގެ ކެންސަރާ ދުރުވުމަކީ ވެސް ކަދުރުން ލިބޭ ފައިދާ ތަކެވެ.

ކަދުރުގައި ހިމެނޭ ގުދުރަތީ ފޮނިކަމާއި ގުލުކޯޒުގެ ސަބަބުން ހަށިގަނޑުގައި ވަރަށް އަވަހަށް ހަކަތައިގެ އަސަރު ޖައްސައިދެ އެވެ. ކަދުރުން ހަށިގަނޑަށް ލިބޭ ފައިބާ، ޕޮޓޭސިއަމް، މެގްނީސިއަމް އަދި ވިޓަމިންގެ އިތުރުން އެންޓިއޮކްސިޑެންޓްގެ ސަބަބުން ހަށިގަނޑުގައި ވަރު ޖައްސައިދެ އެވެ.

ކަދުރުގައި ހިމެނޭ ވިޓަމިން ބީ6 ގެ ސަބަބުން ސިކުނޑީގެ މަސައްކަތް ފުރިހަމަކޮށްދީ މޫޑަށް އަންނަ ބަދަލުތަކާއި، ސްޓްރެސް އާއި ޑިޕްރެޝަނުން ވެސް ސަލާމަތްކޮށްދެ އެވެ.

އެހެން ކަމުން ކަދުރަކީ ހަމައެކަނި ރޯދަ މަހަށް ހާއްސަ އެއްޗަކަށް ނުހަދައި އާއްމު ކެއުމުގައި ވެސް ބޭނުންކުރަން ފަށަންވީ އެވެ.

ފުރަގަސްފަރާތު ނާރުތައް ބަލިކަށިވުމުގެ ސަބަބުން ފުރަގަސްފަރާތު ބަލިތައް ކުރިމަތިވާލެއް ގިނަ އެވެ. ކަދުރަކީ ފުރަގަސްފަރާތު ނާރުތައް ވަރުގަދަކޮށްދީ، ކަދުރުގައި ހިމެނޭ ފައިބާގެ ސަބަބުން ބަނޑުހިކުމާއި ދުރުވެ ބޮޑުކަމުދިއުމަށް ފައްސޭހަވެ، ފުރަގަސްފަރާތު ބަލިތަކާއި ދުރުވެ އެވެ.