ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަށް މެންބަރުން ހަމަކޮށްފައިވާތީ އެޕާޓީ އުވާނުލާނެ ކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ސޮއިކޮށް މިމަހުގެ 9 ވަނަ ދުވަހު އެމްއާރުއެމްއަށް ފޮނުވި ސިޓީގައި ވަނީ ގާނޫނީ އަދަދު ހަމަނުވާތީ ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން އެ ބިރު އެމްއާރުއެމްއަކަށް ނެތް ކަމަށެވެ. އެ ޕާޓީން ގާނޫނު ބުނާ އަދަދަށް މެމްބަރުން ހަމަކޮށްފައިވާ ކަމަށް މިސިޓީގައި ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނުގައި ބުނާ 3،000 މެމްބަރުން ހަމަނުވާ ޕާޓީތަކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު އުވާލުމަށެވެ. އެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާނެ އެވެ. މެމްބަރުން ހަމަނުވެއްޖެ ނަމަ އުވާލަން ނޯޓިސް ދިން ލިސްޓުގައި އެމްއާރުއެމްގެ އިތުރުން ހިމެނެނީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ އުފެއްދެވި އެމްޓީޑީ އާއި ޑީއާރުޕީ އާއި ލޭބަ ޕާޓީ ހިމެނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ޤާނޫނުގައި ބުނާގޮތުން 3000 މެމްބަރުން ތިބި ކަމުގައިވާނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެއެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައެވެ. އޭގެ ތެރޭގައި ހިމެނެނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. މިޕާޓީތަކަށް ފިނޭންސް މިނިސްޓްރީން ވަނީ މިހާރު ފައިސާ ދޫކޮށްފައެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުގެ ބަޖެޓުގެ 0.01 އިންސައްތަ ފައިސާ ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.