ހިތުގެ ބައްޔަށް މީހާ ހުށަހެޅުމުގައި އެންމެ ބޮޑު ރޯލެއް ކުޅޭ އެއް ކަންތައްކަމަށްވާ ލޭގެ ޕްރެޝަރު މައްޗަށް ދިއުން ކޮންޓްރޯލް ކުރުމަށް ބިހުގެ ލޮނދި ނުވަތަ ހުދުބައިން އެހީތެރިވެދޭކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ޗައިނާގެ ޖިލިން ޔުނިވާސިޓީގެ ރިސާޗް ޓީމަކުން ހެދި ދިރާސާތަކުން ދެއްކި ގޮތުން ބިހުގެ ލޮނދީގައި ހިމެނޭ މާއްދާއެއްގެ ސަބަބުން ލޭ މައްޗަށް ދިއުން ކޮންޓްރޯލް ކޮށްދެ އެވެ.

ލޭ މައްޗަށް ދިއުން ދަށްކޮށްދޭ މާއްދާއެއް ކަމަށްވާ ޕެޕްޓައިޑް ނަމަކަށްކިޔާ މިމާއްދާއިން މީހާގެ ޕްރެޝަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށް ސައިންސްވެރިން ބުނެ އެވެ.

ޕެޕްޓައިޑަކީ ލޭ މައްޗަށްދާ މީހުން ބޭނުންކުރާ ބޭހާ އެއްވަރަށް އަސަރުކުރާ އެއްޗެއް ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ޗައިނާގައި މިދިރާސާކުރި ފަރާތްތަކުން އެންމެ ފުރަތަމަ "އާރްވީޕީއެސްއެލް" ނަންދެވިފައިވާ މި ޕެޕްޓައިޑު ދީފައިވަނީ ލޭގެ ޕްރެޝަރު މަތިވެފައިވާ މީދާތަކަކަށެވެ. އަދި އެ ޓެސްޓުތަކުން ދެއްކި ގޮތުން މީދާތަކުގެ ޕްރެޝަރު ވަނީ ދަށް ކުރެވިފަ އެވެ.

ބިސް ކައްކައިގެން ބޭނުންކުރި ކަމުގައިވީ ނަމަވެސް ލޮނދީގައި އެކުލެވޭ ޕެޕްޓައިޑްތަކުގެ ބާރު އޭގައި އެކުލެވޭނެކަމަށް ސައިންސްވެރިން ބުނެ އެވެ.

ބިހުގައި ހިމެނޭ ކޮލެސްޓްރޯލް ގިނަވުމުގެ ސަބަބުން ބިހަކީ ސިއްހަތަށް އެހާ ރަނގަޅު ނޫން އެއްޗެއް ކަމަށް ބައެއް ދިރާސާތަކުން ކުރިން ދެއްކި ނަމަވެސް، ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ބިހަކީ އެއިން ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑު އެއްޗެކެވެ.