ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު އެއް ހަފުތާއަށް ދިގުދަންމާލަން މަޖިލީހުގެ ރިޔާސަތުން މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ ދައުރު އެއް ހަފްތާއަށް ދިގުދަންމާލަން މަޖިލީހުގެ ރިޔާސަތުން ހުށަހަޅާފައި ވާއިރު، އެ ހުށަހެޅުން ހުށަހެޅި ސަބަބެއް ބަޔާން ކޮށްފައި ނުވި ނަމަވެސް އެކަން ކުރައްވަނީ ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކަމަށް, މަޖިލީހުގެ މެޖޯރިޓީ ޕާޓީ, ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
މިހާރު އޮތްގޮތުން މި ހިނގާ މަޖިލީހުގެ ދައުރު މި އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ. އެއާއެކު މަޖިލިސް ދާނީ ޗުއްޓީއަކަށެވެ.
ނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ދައުރަށް އިތުރު ހަފުތާއެއް އިތުރު ކުރަން ހުށަހަޅުއްވައި މިއަދު ވޯޓް ގަޑީގައި ވޯޓަށް އަހާނެކަން އިއުލާން ކުރައްވައިފަ އެވެ. ސަރުކާރު ހިންގާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް މަޖިލީހުން ރިޔާސަތުގެ އެ ހުށަހެޅުން ފާސްވާނެ ކަމާ މެދު ޝައްކެތް ނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވިގޮތުގައި ރޭގައި ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަ ހަފުތާގައި މާލޭގައި ތިބުމަށް އަންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން މެސެޖެއް ފޮނުވައިފަ އެވެ.
އެކަމާ ގުޅޭގޮތުން ނަން ނުޖެހުމަށް ޝަރުތުކޮށް ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ލާމަރުކަޒީ ގާނޫނަށް ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އިސްލާހުތަކުގެ ތަފްސީލު ހާމައެއް ނުކުރައްވަ އެވެ.
އެ މެމްބަރު އެކަން ހާމަ ނުކުރެއްވި ނަމަވެސް ހުރިހާއަށް އެނގިފައިވާ ގޮތުގައި އެ އިސްލާހުތަކުގެ ތެރޭގައި މިހާރު ކައުންސިލަރުންގެ ގޮތުގައި ކޮންމެ ރަށެއްގައި ތިބޭ އަދަދު މަދު ކުރަން ހުށަހެޅުން ހިމެނެ އެވެ. އަދި މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން ހޮވާނީ ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންގެ މެދުގައި ކަމަށް, ނިންމުން ހިމެނެ އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ވަނީ މި ފަހުން ވެސް ފަސް އިސްލާހެއް ހުށަހަޅައިފަ އެވެ. އެ ބިލުގައި ވަނީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމާއި، ކައުންސިލްތަކުގެ އިހްތިސޯސުގައިވާ ފަޅާއި، ބިން ފަދަ ތަންތަން ކުއްޔަށް ދޫކުރުމުގެ އިތުުރުން ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގުމުގައި ކައުންސިލްތަކަށް ލިބިދީފައިވާ ބާރު ހަނިވާ ގޮތަށް އިސްލާހެއް ހިމަނައިފަ އެވެ.
މި ބިލާ ދޭތެރޭ ގިނަ ބަޔަކު، ޚާއްސަކޮށް ބައެއް ކައުންސިލްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް މިދިޔަ ހަފުތާ އަންގާރަ ދުވަހުގެ ރޭ ލާމަރުކަޒީ ކޮމިޓީން ބިލު ފާސްކުރީ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު އެންމެ 19 ގަޑިއިރަށް ހުޅުވާލުމަށް ފަހު އެވެ.
އެ ބިލު ބުދަ ދުވަހު މަޖިލިސް ތަޅުމުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ ތެރެއިން 45 މެންބަރުންގެ ތާއިދާއެކުގައެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ.
އެ ބިލް އަދި ރައީސް މުހައްމަދު މުއިއްޒު އަދި ދަސްދީގު ނުކުރައްވަ އެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮތްއިރު މިހާރު ކައުންސިލްތައް ހިނގާ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ރައީސް މުއިއްޒު އަންނަނީ ވިދާޅުވަމުންނެވެ.