މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީން ހައްޔަރުކޮށް ޑީޕޯޓުުކުރުމަށް ފުލުހުން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ) އާއި ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ) އާއި ޒެނިތް ފްރެންސިސް، އިންޑިއާ (38އ) އާއި އަބްދުލް މަންނާން، ބަންގްލަދޭޝް (37އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި އޮގަސްޓު މަހުގެ 11 ވަނަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.
ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ 511 ފުޅިއާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނައަދަދެއްގެ ފައިސާއާއި ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.