ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި 7،000ރ. ހަމަނުޖެއްސޭނެ ކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އަކްރަމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގެ ތެރެއިން "ވިނަރެސް" އަށް ނަން ބަދަލުކޮށް މިސަރުކާރުން މިހާރު ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ފްލެޓްތައް ދިނުމަށް އޭރު ނިންމާފައިވާ އަގަކީ 7،000 ރުފިޔާ ކަމަށް ކިުރީގެ ހައުސިންގ މިނިސްޓްރ އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

އަކްރަމް ވިދާޅުވީ މުއިއްޒު ހައްދަވަނީ ދޮގެއް ކަމަށާއި 7000ރ. މަހު ކުއްޔަށް ދައްކާ ގޮތަށް ވިނަރެސް ފްލެޓްތައް ނުދެވޭނެ ކަމަށެވެ. އެއީ ވިނަރެސް މަޝްރޫގެ ޖުމްލަ އަގު ބޮޑުވުމުން ކަމަށް އަކްރަމް ވިދާޅުވި އެވެ.

"މުއިއްޒަކީ އިތުރުފުޅު ހައްދަވާ ބޭފުޅެއް. ހިޔާ ފްލެޓްތަކުގެ އަގު ސަރުކާރުން ހާމަކުރުން ވެސް މުއިއްޒު އިތުރުފުޅު ހެއްދެވި މަންޒަރު އަޅުގަނޑުމެނަށް ފެނުނު ނޫންތޯ. ރައްޔިތުންނަށް އޮޅުވާލަން މުއިއްޒު ކުރާ މަސައްކަތްތައް ހުއްޓާލަން ޖެހޭ. ކަނޑައެޅިގެން ނުވާނެ ކަންކަމާ ބެހޭ ގޮތުން ގޯސް މައުލޫމާތު ދިނުންވެސް ހުއްޓާލަން ޖެހޭ،" އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ކަމާލުއްދީން

އެޗްޑީސީއިން ފްލެޓްތަކުގެ އަގު ހާވަމަކޮށްފައިވާ އިރު ޑައުން ޕޭމަންޓްގެ 20 އިންސައްތަ 25 އަހަރަށް ބަހާލައިގެން ދައްކާނަމަ އެންމެ އަގުބޮޑު އެޕާޓްމަންޓްތައް އުޅެނީ މަހަކު 20،470ރ. ކުލީގެ ގޮތުގައި ދައްކަން ޖެހޭ ގޮތަށެވެ. އަދި އެންމެ ދަށް އަގުތަކުގެ ފްލެޓުތަކަށް މަހަކު 16،790ރ. ދައްކަން ޖެހެ އެވެ.

ވިނަރެސްގެ ނަމުގައި ކުރީގެ ސަރުކާރުން ހަދަން ފެށި، މަތީ ފެންވަރުގެ 1،344 ހައުސިން ޔުނިޓްގެ 60 ޕަސެންޓް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކުމަށް ވެސް އެޗްޑީސީން ހުޅުވާލި އެވެ. ނަމަވެސް އެކަމަށް އެއްވެސް ތަރުހީބެއް ނުލިބުމުން އެކަން ހުއްޓާލީ އެވެ. އަދި އޭގެ ފަހުން ނިންމީ ހަމައެކަނި މާލޭ މީހުންނަށް ކުރިމަތިލެވޭ ގޮތަށް އެތަންތަން ދޫކުރާށެވެ.

މިއީ އެޗްޑީސީން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ނަގައިގެން ހިންގާ މަޝްރޫއެކެވެ. މި މަޝްރޫއު 2017 ގައި ފެށީ 1،530 ޔުނިޓް ހަދާ ގޮތަށެވެ. ނަމަވެސް ލޯނުގެ އިކުއިޓީ ހަމަނުޖެހިގެން ދެ ފްލޯގެ ޔުނިޓްތައް ވަނީ ޕްރޮޖެކްޓުން އުނިކޮށްފަ އެވެ.

ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އާ ހަވާލުކޮށްގެން ހަދާ ހައުސިން ޔުނިޓް ވިއްކަން ނިންމާފައި އެފޯޑަބްލް ހައުސިންގެ ތެރެއިން 2.2 މިލިއަން ރުފިޔާއަށް ވުރެ ކުޑަ އަގެއްގަ އެވެ.

ވިނަރެސްގައި ހުންނަނީ ދެ ވައްތަރެއްގެ އެޕާޓްމަންޓްތަކެކެވެ. އެގޮތުން ހިމެނެނީ 902 އަކަފުޓޫގެ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ތިން ކޮޓަރި ހިމެނޭ 883 އަކަފުޓޫގެ އެޕާޓްމަންޓެވެ. އޭގެ ތެރެއިން މެރީނާ ވިއު ފެންނަ 98 އެޕާޓްމަންޓް ހުރެ އެވެ. އަދި ސިޓީގެ ބޭރުގެ ފެންނަ 228 ޔުނިޓާއި އިނާވިއު ފެންނަ 211 ޔުނިޓް ހިމެނެ އެވެ.

މެރީނާ ވިއު ފެންނަ ޔުނިޓްތަކުގެ ތެރެއިން، 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 22 ޔުނިޓް ވިއްކަނީ ޔުނިޓެއް 3.1 މިލިއަން ރުފިޔާ އަށެވެ. އަދި މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓް ވިއްކަނީ ޔުނިޓެއް ތިން މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 38 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.8 މިލިއަން ރުފިޔާ އަށެވެ.

އައުޓާ ވިއުގައި ހިމެނޭ 228 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 74 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.9 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.85 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.83 މިލިއަން ރުފިޔާ އަށެވެ.

އިނާ ވިއުގައި 211 ޔުނިޓްގެ ތެރެއިން 10 ވަނަ ފްލޯއިން 13 ވަނަ ފްލޯއާ ދެމެދުގައި ހުންނަ 58 ޔުނިޓް ވިއްކަނީ ޔުނިޓެއް ވިއްކަނީ 2.88 މިލިއަން ރުފިޔާ އަށެވެ. މެދު ތެރޭގައި ހުންނަ 6 ވަނަ ފްލޯ އާއި ނުވަ ވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓް ވިއްކަނީ ޔުނިޓެއް 2.83 މިލިއަން ރުފިޔާ އަށެވެ. އަދި ތިރީ ފްލޯތަކުގެ ތެރެއިން ދެވަނަ ފްލޯ އިން ފެށިގެން ފަސްވަނަ ފްލޯއާ ދެމެދުގައި ހުންނަ 77 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.80 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ސްޓެންޑާޑް ވިއުގެ 269 ޔުނިޓްގެ ތެރެއިން ޔުނިޓެއް ވިއްކަނީ 2.56 މިލިއަން ރުފިޔާ އަށެވެ.

ވިނަރެސްގައި ރިޓެއިލް ފިހާރައަކާއި އޮފީސް ޖާގަ، އޭޓީއެމް، ސެކިއުރިޓީ، ކާރު އަދި ސައިކަލް ޕާކިންގެ އިތުރުން ކެފޭ، ރެސްޓޯރަންޓްގެ ހިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް ބުނެފައިވެ އެވެ.

އެޗްޑީސީން ބުނެފައި ވަނީ ކުންފުނިތަކުން ގަންނަ ޖުމްލަ އެޕާޓްތަކުގެ އަގުގެ 20 ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭނެ ކަމަށެވެ.