ކޮވިޑް-19 އަށް ކުރި ހޭދަ 2.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 2.6 ބިލިއަން ރުފިޔާ ހޭދަކުރިއިރު ސިއްހީ ކަންކަމަށާއި އިޖުތިމާއީ ކަންކަމަށް 1.32 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފަ އެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 0.3 ޕަސެންޓް އިތުރު އަދަދެކެވެ.
ކޮވިޑާ ގުޅިގެން އިގްތިސާދީ ކަންކަމަށް ހޭދަކޮށްފައި ވަނީ 1.36 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 1.3 ޕަސެންޓް އިތުރު އަދަދެކެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ބޮޑު ހޭދަކޮށްފައި ވަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއަށެވެ. އެތަނަށް ވަނީ 787.8 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ. މީގެ އިތުރުން ހެލްތު މިނިސްޓްރީއަށް 200 މިލިއަން އަދި އައިޖީއެމްއެޗްއަށް 82.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފްރަންޓްލައިންގައި މަސައްކަތްކުރާ ސިފައިންނަށް 24 މިލިއަން ރުފިޔާ އަދި ފުލުހުންނަށް 20.5 މިލިއަން ރުފިޔާ ދީފައިވެ އެވެ. އޭގެ އިތުރުން ކޮވިޑް ރިކަވަރީ ލޯން ސްކީމުން 1.1 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 143.8 މިލިއަން ރުފިޔާ އާއި ކަރަންޓް ބިލަށް ސަބްސިޑީގެ ގޮތުގައި 62.8 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.