"ބާހްބަލީ" ގެ ތަރިން ޕްރަބާސް މިއަހަރު ފަހުކޮޅު ކައިވެނި ކުރުމަށް ނިންމައިފި އެވެ.

އެންމެ ފަހުން "ރާދޭ ޝިޔާމް" އިން ފެނުނު ޕްރަބާސް ވަނީ އޭނާގެ ކައިވެނީގެ ޕްލޭންތަކާ ބެހޭ ގޮތުން "އިންޑިއާ ޓުޑޭ ޑޮޓް" އަށް ދިން އިއްޓަވިއުއެއްގައި ކައިވެނީގެ ވާހަކަ ދައްކާފަ އެވެ.

ޕްރަބާސް ވަނީ އެތައް އަހަރެއް ވަންދެން އަނުޝްކާ ޝެޓީއާ ލޯބީގެ ގޮތުން އުޅެފަ އެވެ.

ޕްރަބާސްއަކީ ސައުތް އިންޑިއާގެ އެކްޓަރުންގެ ތެރެއިން އެންމެ މަގުބޫލު އެއް އެކްޓަރެވެ. އޭނާގެ ފިލްމުތަކަށް ބޮޑު މަގުބޫލުކަމެއް ލިބިގެންދާއިރު އޭނާއަކީ އެންމެ ބޮޑު މުސާރަ ލިބޭ އެކްޓަރުންގެ ތެރޭގައިވެސް ހިމެނޭ މީހެކެވެ.

މީގެ ކުރީގެ އިންޓަވިއުތަކުގައި ޕްރަބާސް ކައިރިން ކައިވެނީގެ ވާހަކަ އެތައް ފަހަރަކު އަހާފައިވާއިރު، އޭނާ އެކަމަށް ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. އަދި އޭނާގެ ލޯބީގެ ހަޔާތާ ގުޅޭގޮތުންވެސް މާގިނަ ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް ޕްރަބާސް ކައިވެނި ކުރަން އުޅޭކަމަށް މިހާރު މިވަނީ އަޑު ފެތުރެން ފަށައިފަ އެވެ.

ޕްރަބާސް އިންނާނެ އަންހެން ކުއްޖަކުވެސް އެ އާއިލާއިން މިހާރު ހޯދާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލު އަދި ހާމަކުރަން ބޭނުން ނުވާ ކަމަށާއި ކައިވެނި ކުރާނެ ތާރީހުވެސް ހާމަކުރާނީ ފަހުން ކަމަށް ބުންޏެވެ.