އެމްޑީޕީން ވަކިކޮށްފިނަމަ ވަރަށް ދެރަވާނެ ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫފަކަށް ފޮނުއްވި މެސެޖެއްގައި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ހަޔާތުގައި އެންމެ ދެރަވަނީ އެމްޑީޕީއިން ވަކިކުރާ ދުވަހު ކަމަށެވެ.

"ހަޔާތުގައި ދުވަހަކުވެސް ނުވާވަރަށް ދެރަވާނެ،" ނަޝީދު ވިދާޅުވި އެވެ.

ވިޕްލައިނާއި ހިލާފުވެވަޑައިގަތުމަށް ނިންމަނީ، އެބޭފުޅާ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖެ ފަދަ ޕާލިމެންޓްތަކުގައި ސަރުކާރުގެ މެމްބަރުން ސަރުކާރަށް ތާއީދު ކުރި ކުރީނުން ގައުމުތައް އެކަށް އެބަ ބަނގުރޫޓު އެބަވޭ،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ވިޕްލައިނާއި ހިލާފަށް ވޯޓުދޭ މެމްބަރުންނާއި މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިއްޔެގެ ވަގުތެއްގައި ރައީސް ނަޝީދު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވަނީ އެމަނިކުފާނާއި އެކު ވިޕްލައިނާ ހިލާފުވެވަޑައިގަންނަވަން ބޭނުންފުޅުވާ މެމްބަރުން ނަން ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެގޮތަށް އެދިވަޑައިގަތުމުން 16 މެމްބަރަކު ރައީސް ނަޝީދަށް ނަން ދެއްވި އެވެ.

އެމްޑީޕީ ތެރޭގައި އުފެދިފައި އޮތް ބައިބައިވުން ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާއިރު ރައީސް ނަޝީދަށް ތާއީދު ކުރައްވާ މަޖިލީސް މެމްބަރުން މިހާރު ދަނީ ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ.