ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ބޮޑެތި ހުކުމްތަކެއް އަންނާނެ ދައުވާތަކެއް ކޮށްފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހަތް ދައުވާއެއް ވަނީ އަލީ ވަހީދަށް އުފުލައިފަ އެވެ.

އެ ދައުވާތަކުގެ ތެރޭގައި ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާއެއް ހިމެނެ އެވެ.

އެކަމާ ގުޅޭގޮތުން އެމްޑީޕީގެ މަޖިލިސް ވަޓްސްއެޕް ގްރޫޕްގައި ރައީސް ނަޝީދު ވިދާޅުވީ މާބޮޑަށް އެކި މީހުންނަށް އެކި ގޮތް ހަދާތަން ފެންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމް ނިޔާވި މައްސަލައިގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު އަށް ކުރި ދައުވާތަކަށް ބަލާއިރު، އަލީ ވަހީދަށް ކުރި ދައުވާތައް މާ ބޮޑު ކަމަށެވެ.

މީގެއިތުރުން އެތައް ބަޔަކަށް ދައުވާ ނުކޮށް ދޫކޮށްލާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލައިގެ ބަޔާންތައް އެމަނިކުފާނު ބެއްލެވި ކަމަށާއި، ބަޔާންތައް ބެއްލެވުމަށްފަހު "އަޖައިބުވެފައި" ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަލީ ވަހީދަށް ކުރެވޭ ތުހުމަތު އެމިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސުމިތް) އަށް ވެސް ކުރެވޭއިރު، އެ މައްސަލަ ނުބަލާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.